ކިހާދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް ވެފައިވާ އެރަށު އިންޖީނުގޭގެ މައްސަލަ ހައްލުކުރެއްވުމަށް މި އަހަރު މަޝްރޫއެއް ފަށްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިހާރު އެމަނިކުފާނު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބ. ކިހާދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކިހާދޫގައި އާ އިންޖީނުގެއެއްް އެޅުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާކަމަށާއި، އެހެންކަމުން އިންޖީނުގެ އާއިި އޮފީސް ބަދަލުކުރުމަށް މިއަހަރު މަޝްރޫއެއް ފަށްޓަވާނެކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ މި ރަށުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ އުފާވެރި ހަބަރު އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އެގޮތުން ސައިންސް ލެބާއި އެނޫންވެސް ވަސީލަތްތަކާއެކު، ރައްޔިތުން އެދޭ ފެންވަރަށް ސްކޫލް ތަރައްގީކޮށްދެއްވާނެ ކަމަށާއި، މި މަޝްރޫއު ނިމުމާއެކު ރަށުގެ ތައުލީމީ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ކިހާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން މިއަދު ފާހަގަކުރި ނަމަވެސް، އެ މައްސަލަ ހައްލުކުރަން އިތުރު މަސައްކަތްތައް ކުރަން ޖެހޭކަމަށާއި، އެގޮތުން ރަށުގެ އުތުރު ފަރާތު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަންނަ އަހަރަށް ބަޖެޓުކުރައްވާނޭ ކަމަށެވެ.

މި އަހަރު އެ ރަށަށް އެމްބިއުލާންސް ހޯއްދަވައިދެއްވާ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން މަޝްރޫއު އަންނަ އަހަރު ކުރިއަށްގެންދަވާނޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރައީސް ވަނީ މިއަދު ކިހާދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ހިދުމަތްވެސް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.