ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބަނދަރެއް ހަދައިދޭން ބ. ކިހާދޫގެ ރައްޔިތުން އެދުމުން 400 އާބާދީއަށް ކީއްކުރާ ބަނދަރެއްތޯ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސުވާލުކުރެއްވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވިއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ބ. ކިހާދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީންއާ ބައްދަލުކުރަން އެދުމުން ކިހާދޫ ކައުންސިލާ ބައްދަލުކުރެއްވީ މުއިއްޒު ކަމަށެވެ. މުއިއްޒު ދެއްވި ޖަވާބަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މުއިއްޒު އަކީ މިއަދު ރައްޔިތުންނަށް ހިދުމަތް ކުރުމަށާއި ތަރައްގީއަށް ވައުދުވަމުން ގެންދަވާ ކެންޑިޑޭޓެއް ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެއާއެކު ރިޔާސީ އިންތިހާބުގައި ގޮތް ނިންމަން ކިހާދޫގެ ރައްޔިތުންނަށް ސާފުވާނެ ކަމަށާއި މި ސަރުކާރުން ވެވަޑައިގެން ވައުދުތައް ފުއްދަވައި ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެ ރަށުގެ ބަނދަރު ހައްދަވައިދެއްވާފައިވާ ކަމަށާއި ގިރާ ސަރަހައްދު ހިމާޔަތްކުރުން ކުރިއަށްދާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ކުރިން ސަރުކާރުތަކުން ކުދި އާބާދީތައް ބާކީކޮށް ތަރައްގީ ކުރަމުން ދިޔައީ ވަކި ރަށްތަކަކަށް އަމާޒުކޮށްގެން ކަމަށާއި އެކަމަގެ ސަބަބުން މުޅި ރާއްޖެ ތަރައްގީނުވެ ލިބެން ޖެހޭ އިގްތިސޯދީ ނަފާ ލިބިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ އަސާސީ ހިދުމަތްތައް ލިބެން ފެށުމާއެކު ރައްޔިތުންގެ ވިސްނުމަށް ބަދަލުތަކެއް އަންނާނެ ކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ހުރިހާ ކަމަކާއެކު ރެއާއި ދުވާލު ރައްޔިތުން ވިސްނަމުންދާ ލަފާފުރުމުގެ ދަތިކަމާއި ސާފު ފެނުގެ ވިސްނުން ހައްލުވެގެންދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ކިހާދޫގެ ސިއްހީ މަރުކަޒުން މިހާރު ހިދުމަތް ދެމުން ގެންދަނީ 16 ގަޑިއިރަށް ނަމަވެސް އެތަނުން ދޭ ހިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް 24 ގަޑިއިރަށް ބަދަލު ކޮށްދެއްވާނެ ކަމަށާއި ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ސައިންސް ލެބް ސްކޫލަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އެ ރަށުގެ ފަޅު ފުންކޮށް ސުވިމިން ޓްރެކެއް އަޅައިދެއްވާނެ ކަމަށާއި އިންޖީނުގެ މިހާރު ހުރި ތަނުން ބަދަލުކޮށް ކަރަންޓްގެ ހިދުމަތް މިހާރަށްވުރެ ރަނަގޅު ކޮށްދެއްވުމަށްވެސް ކިހާދޫގެ ރައްޔިތުނަށް ރައީސް ސޯލިހު ވަނީ ވައުދު ވެވަޑައިގަންފައެވެ.

ކިހާދޫގައި އޭޓީއެމްއެއް ބެހެއްޓުމާއި ފުޓްސަލް ދަނޑު ބޮޑުކޮށް ބޮޑު ދަނޑަކަށް ބަދަލުކޮށްދިނުމަށްވެސް ރައީސް ސޯލިހު ވަނީ ވައުދު ވެވަޑައިގެންފައެވެ.