ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޔުގްނައުތަށް ސިޓީ ނުފޮނުއްވި ނަމަ، ގެއްލުނު ކަނޑުގެ މައްސަލައިގައި ސާފުކޮށް ރާއްޖެއަށް ކުރިއަށް ދެވެން އޮތް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހަލީލް ވިދާޅުވީ ކުރީ ސަރުކާރުން ދޫކުރި ސިއްރު ސިޓީގެ ސަބަބުން ރާއްޖޭގެ ކަނޑުން 45،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދެކުނުގެ މަސްވެރިކަމަށް ބުރޫ އަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބޭރުގެ އެކި ގާނޫނީ ވަކީލުންނާ އެކީ މައްސަލަ އިތުރަށް މުރާޖައާކުރުމުގެ މަސައްކަތް ކަމުގައެވެ.
ފޯޅަވަހީގެ ރަށްތަކުގެ މައްސަލާގައި މޮރިޝަޝްއަށް ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފޮނުވި ސިޓީ ރަސްމީކޮށް އާއްމުކުރީ މި ސަރުކާރުންނެވެ. ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލައިގައި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާ އެކު، ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލަ އެ ކޯޓުންވެސް ވަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފުކޮށް ކަނޑުން ގެއްލުނު ބައި ހޯދުމަކީ މި ސަރުކާރު ވެރިކަމަށް އައުމަށް އައުމަށް އެންމެ ބޮޑަށް ދެއްކި އެއް ވަހަކައެވެ. އަދި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަކީ މި ސަރުކާރުގެ ވައުދެކެވެ.