އެމެރިކާއިން ދެކުނު އޭޝިއާ އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު، އެމްބެސެޑާ ސާޖިއޯ ގޯ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އަދި ޑިފެންސް މިނިސްޓަރު ޣައްސާންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އަދި މިބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވި ސާޖިއޯ މިހާރު ވަނީ ފުރާވަޑައިގެންފައެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ އަދި ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މިއީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ހާރިޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
މިބައްދަލުވުންތައް ނިންމަވާލެއްވުމަށްފަހު ސާޖިއޯ ވިދާޅުވީ މިއަހަރަކީ އެމެރިކާ އަދި ރާއްޖޭގެ ގުޅުމަށް 60 އަހަރު ފުރޭ މުހިންމު އަހަރުކަމުން، ސްޓްރެޓެޖިކް މުހިންމު ދާއިރާތައް ދެނެގަނެ، އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތައް ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ހާރިޖިއްޔާގެ މަންދޫބަކު ރާއްޖެ ވަޑައިގެން އުޅުއްވާތީ އެކަމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، ސާޖިއޯ ގޯ ވަނީ ބައްދަލުވުމަކަށް އެދިވަޑައިގެންފައި ކަމަށާއި، އަދި ބައްދަލުވުމެއް ބާއްވައިފި ނަމަވެސް، ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައްކަވާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިޒްރޭލު ނޫން އެހެން ކޮންމެ ގައުމެއްގެ މަންދޫބެއް ރާއްޖެ ވަޑައިގެން މަޝްވަރާކުރައްވަން އެދިވަޑައިގެންފި ކަމުގައިވާނަމަ، އެ ފުރުސަތު ދެއްވާނޭކަމަށެވެ. ރާއްޖެ ފަސްޓް ޕޮލިސީ އާ އެއްގޮތަށް އެކި ގައުމުތަކާއެކު ގުޅުންބަދަހި ކުރުމަކީ އެމަނިކުފާނު ރައީސްކަމަށް ވަޑައިގެންނެވި ދުވަހު ވިދާޅުވި ބަސްފުޅެކެވެ.
