ދައުލަތުގެ ހިއްސާވާ ކުންފުނިތަކުގައި (އެސްއޯއީ) ބޭނުންވާ ވަރަށްވުރެ މުވައްޒަފުން އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އެކަން ހައްދު ފަހަނަ އަޅާ ދިޔައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ތުހުމަތު ކުރައްވައިފިއެވެ.

ހަލީލް މިފަދައިން ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރަން ފެށުމުގެ ކުރިން އިންތިހާއަށް މުވައްޒަފުން އިތުރުވި މައްސަލައިގައި އިހުމާލުވާ ކުންފުނިތަކުގެ ވެރިން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް، ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން 14،000 އަށްވުރެ ގިނަ މުވައްޒަފުން ވަކިކުރަން މަސައްކަތް ކުރާއިރު، އެއީ މަދުވެގެން 25،000 އަށްވުރެ ގިނަ މީހުންގެ އާމްދަނީއާ ގުޅިފައިވާ ބޮޑު ނިންމުމެއް ކަމަށެވެ. އަދި މުވައްޒަފުންގެ އަދަދު ކުޅަދާނަ ނުވާ މިންވަރަށް އިތުރުވީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކަމަށާއި، އާންމު މުވައްޒަފުން ކެނޑުމުގެ ކުރިން އެކަމުގައި އިހުމާލުވި ކުންފުނިތައް ހިންގަން ތިބި އިސްވެރިން ވަކިކުރަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް، ވަކިކުރާ މުވައްޒަފުންގެ 90 ޕަސެންޓަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށާއި، މިއީ "ރައިޓްސައިޒް" ކުރުމުގެ ނަމުގައި އެމްޑީޕީ މީހުން ވަކިކުރުމަށް ސިޔާސީ ނުފޫޒުން ކުރާ ކަމެއް ކަމަށް ވިދާޅުވެ ފައްޔާޒް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން ހަލީލް މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ ކުންފުނިތަކުގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ. މިސާލެއްގެ ގޮތުން ހަލީލް ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިންގަޕޫރުގެ ތުއާސް ޕޯޓުގައި މަސައްކަތް ކުރަނީ އެންމެ 1,200 މުވައްޒަފުން ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ޕޯޓުގައި އޭގެ ހަތަރު ގުނަ މުވައްޒަފުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެފަދައިން، ގާތްގަނޑަކަށް 2,000 މުވައްޒަފުންނާއެކު ހިންގޭނެ ކަމަށް ބެލެވޭ ފެނަކަ ކޯޕަރޭޝަނުގައިވެސް ބޭނުންވާ ވަރަށްވުރެ ހަތަރު ގުނަ އިތުރަށް މުވައްޒަފުން ތިބި ކަމަށް ވެއެވެ. އަދި މިއީ ދައުލަތުގެ ގާތްގަނޑަކަށް ހުރިހާ ކުންފުންޏެއްގެވެސް ހާލަތު ކަމަށް ހަލީލް ވިދާޅުވެފައި ވެއެވެ.

މިގޮތަށް މުވައްޒަފުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސިޔާސީ މަންފާ ހޯދުމަށްޓަކައި އެކި ސަރުކާރުތަކުން "ސިޔާސީ" މުވައްޒަފުން ކުންފުނިތަކަށް ވައްދަމުން ދިއުން ކަމަށް ހަލީލް ވިދާޅުވިއެވެ. ވަކިން ހާއްސަކޮށް، ނޮވެންބަރު 17، 2018 ގައި ފެށުނު ސަރުކާރުން މިކަން ފާލުން ނެއްޓިގެންދާ މިންވަރަށް ކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"މިކަމުގެ ފަހަތުގައި އޮތީ އެންމެ ސަބަބެއް. ސިޔާސީ އެކިއެކި މަންފާ ނެގުމަށް، "ސިޔާސީ" މުވައްޒަފުން އެކިއެކި ސަރުކާރުތަކުން ލެއްވުން. މިކަން އެންމެ ބޮޑަށް ފާލުން ނެއްޓުނީ ނޮވެންބަރު 17، 2018 ގަ ފެށުނު ސަރުކާރާ ހިސާބުން. އަމިއްލަ މަސައްކަތުގައި ދެމިތިބި އެތައް ބަޔަކަށް ވަޒީފާތައް ދީ، ދައުލަތަށް ބަރޯސާވުމަށް މަޖުބޫރުކުރުވީ."
އަބްދުﷲ ހަލީލު

އަމިއްލަ މަސައްކަތުގައި އުޅުނު އެތައް ބަޔަކަށް ވަޒީފާދީ، ދައުލަތަށް ބަރޯސާވުމަށް މަޖުބޫރުކުރުވުމުގެ ނަތީޖާއަކަށްވީ ގައުމުގެ އުފެއްދުންތެރިކަން (ޕްރޮޑަކްޓިވިޓީ) ކުއްލިއަކަށް ދަށަށް ދިއުން ކަމަށާއި އޭގެ ނޭދެވޭ އަސަރު މުޅި އިގްތިސާދަށް ފޯރާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މަސްދޯނިފަހަރާއި، ވަޑާންގެތަކާއި، އިމާރާތްކުރުމުގެ ދާއިރާގައި އުޅުނު މީހުން ކުންފުނިތަކުގެ ވަޒީފާތަކަށް ދިއުމުން އެ ދާއިރާތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އަދި ކުންފުނިތަކުގެ ހަރަދު ބޮޑުވެ، ބަގުރޫޓުވުމާ ދިމާލަށް ދަތުރުކުރަމުންދާ ކަމުގެ އިންޒާރު ދެއްވަމުން މި މައްސަލައަށް އޮތް ހައްލެއްގެ ގޮތުން ހަލީލް ހުށަހެޅުއްވީ، ކުންފުނިތައް ހިންގުމުގައި ކޯޕަރޭޓް ގަވާނަންސަށް އަމަލުކުރުމެވެ.

އެގޮތުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ފައިދާވާ ވިޔަފާރިތަކަކަށް ބަދަލުކުރެވޭނީ ކޯޕަރޭޓް ގަވާނަންސާ އެއްގޮތަށް ހިންގަން ފުރުސަތު ދީގެން ކަމަށާއި (ގާނޫނަކުން ކަނޑައަޅައިގެން ނަމަވެސް) ސަރުކާރުގެ ނުފޫޒެއް ނެތި، ރެގިއުލޭޓަރީ މެކޭނިޒަމްއެއްގެ ތެރެއިން ހިންގަން ދޫކޮށްލައިގެން ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. ސިޔާސީ މަންފާ ހޯދުމަށްވެސް ގައުމެއްގެ ނިސްބަތުން އަތް ނުލާންވީ ކަންކަމާއި ނުކުރަންވީ ކަންކަން ހުންނާނެ ކަމަށް ވިދާޅުވެ ހަލީލް ވަނީ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގާފައި ވަނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން މުވައްޒަފުން މަދު ކުރުމަށް 3 މަސްދުވަހުގެ މުހުލަތެއް ދީފައި ވެއެވެ.