މިނިވަން 60 އާ ގުޅުވައި ހުޅުމާލޭގައި 60 ރުއް އިންދައިފިއެވެ.
އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތް ބާއްވާފައި ވަނީ ހުޅުމާލޭ ފޭސް 2 ގެ ޗެނަލް ޕާކާ އިންވެގެން އޮންނަ ބީޗް ސަރަހައްދުގައެވެ. އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން، އެ ސަރަހައްދުގައި ވަނީ 60 ރުއް އިންދާފައެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ، މިނިސްޓާ، ޑރ. މަރިޔަމް މާރިޔާ އަދި މިނިސްޓްރީ އޮފް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި އެޗްޑީސީގެ އިސްވެރިން އަދި މުވައްޒަފުންގެ އިތުރުން މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުން ބައިވެރިވެ، ރުއް އިންދާފައި ވެއެވެ.
މި 60 ރުކަކީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންދި ރުއް ތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ރިޔާސީ ވައުދުފުޅުގައި ބައިވެރިވެ، އެ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ ފަރާތުން ޖުމްލަ އެއް މިލިއަން ގަސް އިންދުމަށް ނިންމައި މިދިޔަ އަހަރު ވަނީ ޕްލެޖުގައި ސޮއިކޮށްފައެވެ.
އަދި އެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައި އެޗްޑީސީން ވަނީ ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ވެސް ނިންމާފައެވެ. އެގޮތުން، ހުޅުމާލޭގެ އިތުރުން އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަސްމާލެއާއި، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށް މި ނާސަރީ ބޭނުންކުރާނެއެވެ.
މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް އެޗްޑީސީން ހިފާފައިވާ އަމާޒަށް ވާސިލުމަށް ވެސް މަގުފަހިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެޗްޑީސީގެ އަމާޒަކީ، އެ ކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުން ކަމަށް ވެއެވެ.