ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމްއެވެ. ދެމީހެއްގެ ދޭތެރޭ ހިނގި މާރާމާރީއެއްގައި މޫސައަށް ހަމަލާދީ މަރާލި މައްސަލައިގައި އެ ރަށަށް ގޮސް އުޅޭ އެހެން ރަށެއްގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ ތަހުގީގު ނިންމައި މޫސާގެ ހަށިގަނޑު އޯޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. މޫސާގެ ހަށިގަނޑު ތަހުލީލުތައް ހެދުމަށްޓަކައި މާލެ ގެނެސްފައިވަނީ އިއްޔެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން އުމުރުން 29 އަހަރުގެ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ މި ދެމީހުންނަކީ ކުރިން ގާތް ދެ އެކުވެރިންކަަމަށެވެ. އަދި ދެމީހުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މުހައްމަދު އާއި މޫސަ އާއި ދެމެދު ކުރިންވެސް މާރާމާރީ އެއް ހިނގާފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަބަދުވެސް މުހައްމަދު އަތުގައި ވަޅިއެއް ގެންގުޅޭކަން ފާހަގަކުރަމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ މި މާރާމާރީގައި މުހައްމަދު ވަޅި ބޭނުންކުރީ މޫސާގެ ކިބައިން ސަލާމަތްވުމަށް ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނީ މޫސާ ގަޔަށް ވަޅި ޖެހުމަށްފަހު ފުލުހުންނާއި ހަވާލުވީވެސް މުހައްމަދު އަމިއްލައަށް ސްޓޭޝަނަށް ގޮސްކަަމަށެވެ.