ލ. މާވަށުގައި މަރާލާފައި އޮއްވާ ފެނުނު މޫސަ އިބްރާހިމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސްފިއެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރު އެ ރަށު ވޮލީ ކޯޓު ސަރަހައްދުގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ އެ ރަށު ނަލަހިޔާ، އުމުރުން 29 އަހަރުގެ މޫސަ އިބްރާހިމްއެވެ.

އޮޓޮޕްސީ ހެދުމަށް މޫސަގެ ހަށިގަނޑު އޮގަސްޓު 6 ވަނަ ދުވަހު އިންޑިއާއަށް ގެންގޮސްފައިވާއިރު، އޮޓޮޕްސީއަށް ހެދުމަށްފަހު ހަށިގަނޑު މިރޭ މާލެ ގެނެސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައާއި ގުޅިގެން އުމުރުން 29 އަހަރުގެ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހިމް ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދިން އެ ރަށު މީހަކު ބުނީ މި ދެމީހުންނަކީ ކުރިން ގާތް ދެ އެކުވެރިންކަަމަށެވެ. އަދި ދެމީހުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައިކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. މި މައްސަލައިގައި މުހައްމަދު އާއި މޫސަ އާއި ދެމެދު ކުރިންވެސް މާރާމާރީ އެއް ހިނގާފައިވާ ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ. އަބަދުވެސް މުހައްމަދު އަތުގައި ވަޅިއެއް ގެންގުޅޭކަން ފާހަގަކުރަމުން އެ ރަށުން ވާހަކަދެއްކި މީހާ ބުނީ މި މާރާމާރީގައި މުހައްމަދު ވަޅި ބޭނުންކުރީ މޫސަގެ ކިބައިން ސަލާމަތްވުމަށް ކަމަށެވެ.

މީގެ އިތުރުން އެމީހާ ބުނީ މޫސަ ގަޔަށް ވަޅި ޖެހުމަށްފަހު ފުލުހުންނާއި ހަވާލުވީވެސް މުހައްމަދު އަމިއްލައަށް ސްޓޭޝަނަށް ގޮސްކަަމަށެވެ.