ލ.އަތޮޅުގައި އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިގްތިސާދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިގްތިސާދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އަދި އެއާޕޯޓް އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ނިންމަވާ އެ ވައުދުފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ އަތޮޅު ރައްޔިތުންނަށް ދެއްވާފައެވެ.
މީގެ އިތުރުން މާވަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމަކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭގޮތަށް ތަރައްގީކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީކުރައްވައި، ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރެއްވުން ކަމަށެވެ. މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މާވަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަޙައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މާވަށުގައި މިއަދު ވަނީ ، ކުޅިވަރާއި، ތައުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ އުމްރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫއެއް ފަށާފައެވެ. އޭގެ ތެރޭގައި 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.