ލ. މާވަށުގައި ސިއްހީ މަރުކަޒު ތަރައްގީ ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ހޮސްޕިޓަލެއްގެ ދަރަޖައަށް ހިދުމަތް ދެވޭ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމާކުރެއްވީ، ހައްދުންމައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލްކަމަށްވާ، ލ މާވަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މާވަށުގެ ސިއްހީ މަރުކަޒުގެ ހިދުމަތް މިހާރަށް ވުރެ ފުރިހަމަ ކުރެއްވުމަށް ނިންމަވާފައިވާކަން ހާމަކުރައްވައި، އެމަނިކުފާނު ވިދާޅުވީ ސިއްހީ މަރުކަޒަށް އިތުރު 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުންވެސް، ބައެއް ހިދުމަތްތައް ހިމެނޭ ގޮތަށް ތަރައްގީ ކުރެއްވުމަށް މިމަހުގެ ތެރޭގައި ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ. އަމާޒަކީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރައްވައި ސިއްހީ މަރުކަޒު ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީ ކުރެއްވުން ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތް ތަނުގައި މާވަށަށް ހާއްސަކޮށްގެން ސީއެމްބިއުލާންސެއް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ރަށުގައި 15 ހެކްޓަރުގެ ބިން ހިއްކަމުންދާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަެުދުވެވަޑައިގެންފައިވާ ގޮތަށް އިތުރު 15 ހެކްޓަރުގެ ބިމާއެކު، ޖުމުލަ 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ. ބިން ހިއްކާ ނިމުމުން ރަށުގައި ތަރައްގީގެ އެހެނިހެން މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، ހައުސިންގް ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވައި، އެ ސަރަޙައްދަށް ފެނާއި، ނަރުދަމާ އަދި ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
މާވަށުގައި މިއަދު ވަނީ ކުޅިވަރާއި، ތައުލީމާއި، މަސްވެރިކަމާއި، މަގުހެދުން ފަދަ އުމްރާނީ ގޮތުން ރަށަށް ކުރިއެރުން އަންނާނެ މުހިއްމު 11 މަޝްރޫޢެއް ފަށާފައެވެ. އޭގެ ތެރޭގައި 8 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، 3 މަޝްރޫއެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް އަވަހަށް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމުގެ ތެރޭގައި، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އެކަން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ އެއާޕޯޓް އަޅާނެ ރަށެއް ކަނޑައަޅުއްވާނީ، ދަތުރުފަތުރާއި، ރަށުގެ އިގްތިސޯދަށް އަދި ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ގިނަ ރިސޯޓްތައް ތަރައްގީ ކުރެވެން އޮތް އެންމެ މުހިއްމު ސަރަހައްދެއްގައި ކަމަށެވެ. އެއާޕޯޓް އަޅާނެ ސަރަހައްދެއް ވަރަށް އަވަހަށް ނިންމަވާ އެ ވަެުދުފުއްދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންނަށް ދެއްވިއެވެ.