މި އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް ރިޕޯޓު ފޮތްދީ ސްކޫލުތައް، ފުރަތަމަ ޓާމް ޗުއްޓީއަށް ބަންދުކޮށްފިއެވެ.
މިއަހަރުގެ ދިރާސީ އާ އަހަރު އެޕްރީލް 7 ވަނަ ދުވަހު ފެށިއިރު މިއަދު ވަނީ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމައި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ދީފައެވެ. މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ މަހުގެ 10ވަނަ ދުވަހެވެ. ސެޕްޓެމްބަރު މަހުގެ ތެރޭގައި މިޑްޓާމް ބްރޭކަށް އަނެއްކާވެސް ދަރިވަރުންނަށް 9 ދުވަހުގެ ޗުއްޓީއެއް ލިބޭއިރު، ދަރިވަރުންގެ ބޮޑު ޗުއްޓީ ލިބޭނީ މިއަހަރުގެ ޑިސެމްބަރު މަސްތެރޭގައެވެ.
ކުރީ ސަރުކާރުން، އަހަރުގެ މެދުތެރެއިން ދިރާސީ އަހަރު ފަށާ ގޮތަށް ނިންމާފައިވާ ނިންމުން ބަދަލުކޮށް މި ސަރުކާރުން ވަނީ ދިރާސީ އާ އަހަރު ފެށުން ޖެނުވަރީއަށް ބަދަލުކޮށްފައެވެ. އެހެންކަމުން 2026 ވަނަ އަހަރު ދިރާސީ އާ އަހަރު ފެށިގެން ދާނީ ޖެނުވަރީ 26 ވަނަ ދުވަހުއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސަރުކާރު ސްކޫލްތަކުން 83،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނައިރު އަމިއްލަ ސްކޫލުތަކުގައި 13،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން ދެއެވެ.