ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އާންމު މެންބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މިހާރު ޖޭއެސްސީގެ އާންމު މެންބަރެއްގެ ގޮތުގައި ހުންނަވަނީ އައިމިނަތު އުއްމުކުލްސުމްއެވެ. އުއްމުކުލްސުމްގެ ދައުރު އަންނަ އޮގަސްޓު މަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މަޖިލީހުން ހުޅުވާލާފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އެ ފުރުސަތަށް ހުޅުމާލުމުން 8 ބޭފުޅަކު ކުރިމަތިލީ ނަމަވެސް ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ 75 އަށް ވުރެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅުންގެ ނަމެވެ. އެއާއެކު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ އިދުރީސްގެ ނަމެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރުމާމެދު ނެގި ވޯޓުގައި 67 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު ފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެންބަރުން ތިއްބެވިއިރު އިދުރީސްއާއި ދެކޮޅަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ.
އާންމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވާ މެންބަރުންގެ ތެރެއިން އަޣުލަބިއްޔަތު މެންބަރުންގެ ވޯޓުން އިންތިހާބު ކުރާ ބޭފުޅެކެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.