މަސްވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މަސްވެރި އުޅަނދުފަހަރަށް ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބަދަލުތަކެއް ގެނެސްފިއެވެ.

މި ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތްތަނުގައި ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުން ކުރިއަށްގެންދާނީ "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން، ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އަދި މި ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ އެންމެހާ އުޅަނދުފަހަރުން ސެޕްޓެމްބަރު 15 ގެ ނިޔަލަށް ފަހިހަކަތަ ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ސަރުކާރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1500 ލީޓަރު ތެޔޮ މިފްކޯއިން ދޫކުރަމުންދާ ކަމަށެވެ.

މަސްވެރިކަމުގެ ގާނޫނަށް ގެނެވުނު އިތުރު އިސްލާހުތަކުގެ ތެރޭގައި މަސްވެރިކަމުގެ ހަރަކާތްތަކަށް ހާއްސަކޮށް ބަނދަރެއް ތަރައްގީކޮށް ހިންގުމާއި ބެހޭ އޮނިގަނޑެއްވަނީ އެކުލަވާލާފައެވެ. މީގެތެރޭގައި އުޅަނދުތައް ބަނދަރުކުރުމާ، ސާވިސްކުރުމާ، މަސްކިރުވުމުގެ ޕްރޮސެސްގެ ހިދުމަތާ، އަދި މަސްވެރިކަމަށް ބޭނުންވާ ސާމާންތައް ވިއްކުމުގެ ހިދުމަތް ތައާރަފުކުރުން ހިމެނެއެވެ.

މީގެ އިތުރުން ދިވެހރާއްޖޭގައި ކުރާ މަސްވެރިކަމަކީ ދެމެހެއްޓެނެވި އުސޫލެއްގެ މަތިން ހިންގޭ ދާއިރާއަކަށް ހެދުމަށް އެ ވުޒާރާއިން ކުރާ ޖުރިމަނާތަކަށްވެސް ބަދަލުގެނެސްފައިވާކަމަށް މަސްވެރިކަމާ ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.