ޅ. މަޑިވަރި އެއާޕޯޓް ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިންގި އެކްސިޑެންޓގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ޅ. މޑިވަރި އެޕާޓް ކައިރީ ކަނޑުމަތިން މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 8:26 ހާއިރު ކަމަށެވެ.

މި އެކްސިޑެންޓަގައި އަނިޔާވެފައި ވަނީ ޑީންގީގައި ތިބި ތިން މީހުންނަށް ކަމަށް ފުލުހުން ބުނެއެވެ. އެއާއެކު އެ ތިން މީހުން ވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ރޭ ފަރުވާ ދީފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ޑިންގީގެ ކައްޕި އާއި އަދި އިތުރު އެކަކު ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި އެކްސިޑެންޓަގައި ހިމެނޭ ޑިންގީ ވަނީ ގެއްޅިފައި ކަމަށާއި ބެލެވޭ ގޮތުގައި އެކްސިޑެންޓަށް ފަހު އެ ޑިންގީ އަޑިއަށް ދިޔައީ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގެ މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.