ލޯންޗަކާއި ސަޕްލައި ދޯންޏެއް ޖެހި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސަޕްލައި ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ ފަތިހު 5:45 ހާއިރު ކ. ގަލުފަޅު ކައިރިން ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗު އެކްސިޑެންޓުވެ އެ އުޅަނދުން ދަތުރު ކުރި ކެޕްޓަނާއި ފަޅުވެރިއަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާއިރު މި ހާދިސާގައި އަނިޔާވީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.
ލޯންޗުގައި ޖެހުމުން އެ ދޯނި މަޑުނުކޮށް 'ފިލައިގެން' ދިއުމުން ފުލުހުން ވަނީ އެ ދޯނި ހޯދާފައެވެ. އަދި އެ އެކްސިޑެންޓަށް ފަހު، އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް އިއްޔެ ފުލުހުން ބުނެފައި ވެއެވެ.
އެ ހާދިސާ އާއި ގުޅިގެން ފުލުހުން މިއަދު ބުނީ، ސަޕްލައި ދޯނި ދުއްވި ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި އެ ހާދިސާގެ މަދަނީ އަދި ޖިނާއީ ތަހުގީގުތައް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ލޯންޗަކީ ވިލިމާލެ އިން ފުރައިގެން ގިލިލަންކަންފުށި ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ލޯންޗެކެވެ. ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިމާލެއާ ވަރަށް ކައިރީގައި އޮއްވައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.
ސޯޝަލް މީޑިއާގެ އެކި މަންސަ ތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޯންޗު ފަޅައިގެން ގޮސް ބޮޑއތި ގެއްލުންތަކެއް ލިބިފައި ވެއެވެ. އަދި ލޯންޗު ދުއްވަން އިން ކެޕްޓަން އައް އަނިޔާވެ ލޭ ފައިބާ މަންޒަރުވެސް ފެނިގެންދެއެވެ. އަނިޔާވި ދެ މީހުންގެ ހާލު ރަނގަޅުވަމުންދާ ކަމަށް އައިޖީއެމްއެޗް އާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
