މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު ފިލައިގެން ދިޔަ ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ، ޖުލައި 9 ވަނަ ދުވަހުގެ ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން އެ އުޅަނދު ދެނެގަނެ، ހޯދުމުގެ މަސައްކަތް ފުލުހުންގެ ތަހުގީގުގެ ތެރެއިން މެދުކެނޑުމެއް ނެތި ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ކުރި މި މަސައްކަތުން، އެ ދޯނި ފެނިފައި ވަނީ އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 ހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައެވެ.

ދޯނި ފެނުމާއެކު، ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، މި ހާދިސާއާ ގުޅިގެން އެ ދޯނީގެ ކެޕްޓަނާ ސުވާލުކޮށް، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ވެސް ހިފަހައްޓާފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.