މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެކަމުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް ކުރާ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ކުރާ އަސަރު ސަރުކާރުން ގާތުން ބަލަމުންދާ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު ހަމައެކަނި މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
'އެކްސް'ގައި އަމީން ލިޔުއްވާފައިވާ ގޮތުގައި، ސަރުކާރުން ދަނީ އީރާނާއި އިޒްރޭލާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާ ގުޅިގެން ރާއްޖެއަށް ކުރާ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި ރޭ އީރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ދިން ހަމަލާގެ ސަބަބުން ރާއްޖޭން މެދުއިރުމައްޗަށް ކުރަން ހުރި ބައެއް ދަތުރުތައް ފަސްކުރަން ޖެހުނު ކަމަށް ވެސް އަމީން ލިޔުއްވާފައިވެއެވެ.
"މެދުއިރުމައްޗަށް މާލެ އެއާޕޯޓުން ބައެއް އެއާލައިންތަކުން ކުރަން ހުރި ދަތުރުތައް ވަނީ ޑިލޭވެފަ، ނަމަވެސް އެ ދަތުރުތައް މިހާރު ދަނީ އަލުން ފަށަމުން،" އޭނާ ލިޔުއްވާފައިވެއެވެ.
އީރާނާއި އިޒްރޭލުގެ ހަމަލާ ބަދަލުކުރުންތަކާ ގުޅިގެން، މެދުއިރުމަތީގެ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންގެ ހާލަތާއި، އެ ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އަސަރުތައް ގާތުން ބަލަމުންދާ ކަމަށް ކަމާ ގުޅުންހުރި ވަޒީރުން ވިދާޅުވެފައި ވެއެވެ.