މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެ ސަރަހައްދުގެ ގައުމުތަކުގައި އުޅޭ ދިވެހީންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މީގެ 12 ދުވަހެއްހާ ކުރިން އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އިޒްރޭލާއި އީރާނާ ދެމެދު ހިނގި ހަމަލާ ބަދަލުކުރުން ތަކުގެ ތެރެއިން އެމެރިކާއިން އީރާނަށް ހަމަލާދިނެވެ. އެއާއެކު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާއާ ގުޅިގެން މެދުއިރުމަތީގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ހެނދުނުގެ ނިޔަލަށް ބަންދުކުރިއެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ދިން ހަމަލާގެ ބަދަލު ހިފަން މެދުއިރުމަތީގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް، ގަތަރުގެ އަލް އުދައިދަށް 19 މިސައިލް ހަމަލާއެއް އަމާޒު ކުރިއެވެ. ކުރު ރާސްތާ މިސައިލުން ދިން އެ ހަމަލާގެ ތެރެއިން 18 މިސައިލް ވައިގެ ތެރޭގައި ގޮއްވާލި އިރު ވެއްޓުނު ހަމައެކަނި މިސައިލުން މީހަކަށް ވެސް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ރޭ ފަތިހު 'އެކްސް'ގައި ޚަލީލް ލިޔުއްވިގޮތުގައި މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ ގައުމުތަކުގައި ހުރި ދިވެހި މިޝަންތަކާއި ސަރުކާރުން ދަނީ މި ކަންކަން ގާތުން ބަލަމުންނެވެ.
"މިވަގުތު މި ސަރަޙައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، މިގައުމުތަކުގައި ދިރިއުޅުއްވާ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ އެގައުމުތަކުގެ ސަރުކާރުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސް ކުރަން." ހަލީލް ލިޔުއްވާފައި ވެއެވެ.