ފޭކު ސްލިޕް ފޮނުވައި، 73،000އަށްވުރެ ގިނަ ރުފިޔާގެ މުދާ ގަތް މައްސަލަތަކަކާ ގުޅިގެން ގ. ސިނަމާލެ 1 05-13، ޒައިދާން މުހައްމަދު ހާޝިމް (28އ) އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މެއި މަހުގެ އެކި ދުވަސް މަތިން ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި މަހުގެ 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ތަހުގީގުގައި ބެލިބެލުމުން ޒައިދާން މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ 2 އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36،467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން ހޯދާފައިވާ ކަމާއި މާލޭގައި ހުންނަ ފިހާރައަކުން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޒައިދާން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއް މިހާރު ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ 2 މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.