އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެންޓަ އެންޓަޕްރައިސަސްއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހޯދަން ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހެޅި މައްސަލަ ބަންޑާރަ ނައިބުގެ އޮފީސް (އޭޖީ)ން ފުލުހަށް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅި 2 މައްސަލައެއްގައި ސެންޓާ އެންޓާޕްރައިސަސްގެ ފަރާތުން ސިވިލް ކޯޓަށް ސައްހަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ތަހުގީގުކުރަން ފުހުންގެ ހިދުމަތުގައި އެދިފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ 3 މައްސަލައެއްވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެއެވެ. އެއީ އެންވާރަމަންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ މައްސަލައަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ ދެ މައްސަލައެކެވެ.

"އެގޮތުން، ސެންޓާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނާ މުއާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެ" އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.

މި މުއާމަލާތްތަކާ ގުޅޭ މައްސަލަތަކުގައި ސިވިލް ކޯޓުންނާއި ހައި ކޯޓުން އިއްވި ހުކުމްތައް އިސްތިއުނާފުކޮށްފައިވާ ކަަމަށް އެ އޮފީހުން ބުނެއެވެ. މީގެ އިތުރުން ވެސް މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓާ ޖެނެރަލް އޮފީހާ ހިއްސާކޮށް، މި މައްސަލަތަކާ ގުޅޭ ހާއްސަ އޮޑިޓެއް ތައްޔާރު ކުރުމަށް އެދުމުން އޮޑިޓުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް އެ އޮފީހާ ހިއްސާކޮށްފައިވާކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އޭގެން ފާހަގަވި ކަންކަމުގެ ތެރޭގައި ސައްހަ ނޫން އިންވޮއިސްއެއް ހުށަހެޅި މައްސަލައަކާއި، ރާއްޖެއަށް އެތެރެ ވެސް ނުކުރާ ބައެއް މެޑިކަލް ސާމާނު ޑިޕާޓްމަންޓު އޮފް މެޑިކަލް ސާވިސަސްއަށް ސަޕްލައިކޮށްދިން ކަމަށް ސެންޓާ އެންޓަޕްރައިޒަސްއިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަމަށާއި އެހެންކަމުން މިކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ވީ އެންމެ އަވަހަކަށް ހިންގާދިނުމަށް އެދި ފުލުހުގައި އެދިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

މި މައްސަލައިގެ އިތުރުން ވެސް ސެންޓަ އެންޓަޕްރައިސަސް އިން އެންވާރަމަންޓަ މިނިސްޓްރީއަށް ފޯރުކޮށްދިން ކަޅު ހަންތަކަކަށްވާ ފައިސާގެ ތެރެއިން އެ ކުންފުންޏަށް ނުދީ އޮތް ފައިސާ ހޯދަން އެ ކުންފުނިން ދައުވާ ކުރުމުން 12.7 މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމްކޮށްފައިވެ އެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ކަޅުހަންތަކަށް ވާ ފައިސާ ދައުލަތުން ނުދައްކާ އޮތްކަން ލިޔުންތަކުން ސާބިތުވާ ކަމަށް ނިންމާފައެވެ. އަދި އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ އެ ފައިސާ އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ވަނީ ހުކުމް ކޮށްފައެވެ.