އުމްރާގެ އަޅުކަމަށް ފައިސާ ދެއްކިފަހުން ނުގެންދެވޭނެ ކަމަށް އެންގި އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުގެ މައްސަލަ ބަލަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މި ރޯދައިގެ ފަހު 15 އާއި ޝައްވާލު މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް އެ ގުރޫޕުގެ ހަވާލުގައި އުމުރާ އަށް ދާން ފައިސާ ދެއްކި ބަޔަކު އުމްރާއަށް ގެންދެވެން ނެތް ކަމަށް އެންގާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ޕޯސްޓުތަކެއް ދައުރުވަމުންނެވެ.
އެގޮތުން ބައެއް މީހުން ބުނެފައިވާ ގޮތުގައި، އުމްރާ އަށް ދާން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އޮޅުވާލުމެއްގެ ތެރެއިން "ވާނުވާ" ގައި ބައިތިއްބާފައިވާ ކަމަށެވެ. އަދި އެހެން ގުރޫޕަކުން ރަމަޟާން މަހުގެ އުމްރާއަށް ޖާގަ ހޯދުމަށްފަހު އެ ގުރޫޕަށް ފައިސާ ދެކުމައްޓަކައި އަސްކޮއި ގުރޫޕަށް ދައްކާފައިވާ 252،000 ރުފިޔާ ރިފަންޑު ކުރުމަށް އެދުމުން އެކަން ވެސް ކޮށްދީފައި ނުވާ ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
"އެއަށްފަހު، ރަމަޟާން މަހުގެ 6 ވަނަ ދުވަހުގެރޭ އަޅުގަނޑުމެންނަށް މެސެޖު ކޮއްފައިވަނީ ދިމާވި މައްސަލައެއްގެ ސަބަބުން އަޅުގަނޑުމެން ރުފިޔާ ދައްކާފައިވާ އުމްރާ ދަތުރު ކުރެވޭނެ ގޮތެއް ނެތެވެ. އަދި ބުނެފައިވަނީ ރިފަންޑު ލިބޭނީ 15/04/2025 ގެ ފަހުންނެވެ." އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް އުމްރާ އަށް ނުދެވޭ ސަބަބާ ގުޅޭ ގޮތުން އަސްކޮއި ޖަމާއަތުން ދީފައިވާ ރައްދުގެ ސްކްރީން ޝޮޓްތަކެއްވެސް ދަަނީ ދައުރުވަމުންނެވެ.
މި މައްސަލަ އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، އެފަދަ މައްސަލަތަކެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެއެވެ. މިކަމާ ގުޅޭގޮތުން އަސްކޮއި ގްރޫޕުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބުދީފައި ނުވެއެވެ.
ހައްޖުގެ އަޅުކަމާއި އުމްރާގެ އަޅުކަމަށް ދިޔުމަށް ދައްކާ ފައިސާ އަށް ހިޔާނާތްތެރިވާ މައްސަލަތައް މީގެ ކުރިންވެސް ފެންމަތިވެފައި ވެއެވެ. އެގޮތުން ހުސްވި އަހަރުވެސް ވަނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަނެތި މަޝްއަރު ޓުއާސް ނަމަކަށް ކިޔާ ކުންފުންޏަކުން އުމްރާއަށް ގެންދިޔުމުގެ ނަމުގައި ފައިސާ ހޯދާތީއާއި އެ ކުންފުނީގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުން ރާއްޖެ ނާދެވިފައި ތިބި މައްސަލައެއް ފެންމަތިވެފައެވެ.
މިނިސްޓްރީން މީގެ ކުރިންވެސް ވަނީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ވިޔަފާރި އުސޫލުން އުމްރާއަށް މީހުން ނުގެންދިއުމަށާއި އެ ހުއްދަ ނެތް ކުންފުންޏަކާ އެކު ފައިސާގެ މުއާމަލާތް ނުހިންގުމަށް އެދިފައެވެ. ނަމަވެސް އަސްކޮއި ގުރޫޕަކީ އުމްރާގެ އަޅުކަމަށް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ކުންފުންޏެކެވެ.