މޯލްޑިވް ގޭހުން، ގޭސް ގަތުމުގައި ހިޔާނާތް ހިންގާފައިވާ ކަމަށް ބުނާ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް، އެސްޓީއޯ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިއަދު އޮތް އެސްއޯއީ ކޮމެޓީގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މޯލްޑިވް ގޭހަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އެ މައްސަލާގައި އެސްޓީއޯ އިން މައުލޫމާތު ސާފުކުރަން ނާޒިމް ވަނީ ހުށަހަޅުއްވާފައެވެ.
ގޭސް ގަތުމުގެ މަސައްކަތް ވެސް މިހާރު ކުރަނީ އެސްޓީއޯ އިން ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ މިކަމާއި ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ އެސްޓިއޯ އިން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން މި ހުށަހެޅުމަށް ތާއިދުކޮށް ކޮމެޓީންވަނީ އެ މައްސަލާގައި ލިޔުމުން މައުލޫމާތު ސާފުކުރުމަށް ފާސްކޮށްފައެވެ.
މޯލްޑިވް ގޭސްއިން، ގޭސް ގަންނަން ދުބާއީގެ ކުންފުންޏަކަށް ފޮނުވި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) ގޭސް ނުލިބި ގެއްލުނު މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މޯލްޑިވް ގޭސްއަށް، ގޭސް ގަތުމުގެ ހުރިހާ ކަމެއް މިދިޔަ އޭޕްރީލް މަހު ވަނީ އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.
