މ. ކޮޅުފުށީގައި 2019 ވަނަ އަހަރު އިމާރާތް ކުރަން ފެށި 100 ހައުސިން ޔުނިޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

މި 100 ހައުސިން ޔުނިޓަކީ 2019 ވަނަ އަހަރު ކޮންޓްރެކްޓަރަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށުމަށްފަހު މަސައްކަތް ހުއްޓިފައި އޮއްވާ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިއަދު މި މަސައްކަތް އެކީ ނިމިފައިވާ އިރު، މި މަޝްރޫއަށް 121،612،127.97 ރުފިޔާ ހަރަދުވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.

ކޮޅުފުށީ 100 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމަށްފަހު ހުއްޓިގެން ދިޔައީ ކޮވިޑްގެ ސަބަބުން މަޝްރޫއުގެ މަސައްކަތްތަކަށް ބޭނުންވާ މީހުންނާއި ސާމާނު ގެންދިއުމަށް ކޮންޓްރެކްޓަރަށް ކުރިމަތިވި ދަތިތަކުގެ ސަބަބުންނެވެ. މި މަޝްރޫޢުގެ މަސައްކަތް ހުއްޓުނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭރު 100 ހައުސިން ޔުނިޓުގެ ތެރެއިން 34 ޔުނިޓެއްގެ ފައުންޑޭޝަން މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި 7 ޔުނިޓެއް ރޭނުގެ މަސައްކަތް ވެސް އޭރު ކޮށްފައި ވެއެވެ.

މި 100 ހައުސިން ޔުނިޓަށް ބަލާއިރު، ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރި އާއި 3 ފާހާނާ އާއި ސިޓިންރޫމް އާއި ބަދިގެ އަދި ލޯންޑްރީ އާއި ސްޓޯ ރޫމެއް ހިމެނެއެވެ.

ކޮޅުފުއްޓަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ރަށްރަށުގެ ތެރެއިން ރަށެކެވެ. ސުނާމީ ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ރަށުގައި ވަނީ 100 ގެ އަޅައިދީފައެވެ.