ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ކޮޅުފުށީގެ ރިންގް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

މި މަޝްރޫއާ ގުޅިގެން އާރުޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ ރިންގް ރޯޑުގައި ތާރުއަޅާ، ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން ދުވާރު ހެދުމާއި މަގުތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނެ ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ އެ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއްކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މ. އަތޮޅުގައި ސަރުކާރުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނައިރު، 1400 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮޅުފުށީގައި އެހެނިހެން މަޝްރޫއުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އޭގެ ތެރޭގައި 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެމްޓީސީސީން ކުރިއަށްގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި، 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތުގެ އިތުރުން ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އާރުޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. ރިންގް ރޯޑުގެ އަމަލީ މަސައްކަތް ފަށާނެ ވަކި ތާރީހެއް އާރުޑީސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ.