ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ފައިސާ ހުރި ނަމަ، ހުރިހާ ފައިސާތަކެއް ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
މިފަދައިން ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން އެ ބޭންކުގެ ނަމުގައި ރާއްޖޭގައި ހުރި ބޭންކްތަކުގައި ހުޅުވާފައިވާ އެއްވެސް އެކައުންޓެއްގައި ފައިސާ ހުރި ނަމަ އެ ހުރިހާ ފައިސާއެއް ހިފެހެއްޓުމަށް އެ އަމުރުގައި ބަޔާންކޮށްފައި ވެއެވެ.
މީގެ އިތުރުން ވެސް އެ އެކައުންޓެއްގެ ތަފްސީލާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދާއި، ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު އެކަން މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކޯޓަށް އެންގުމަށެވެ. ކޯޓުން އަމުރުކޮށްފައިވާ ބޭންކުތަކަކީ، ބޭންކް އޮފް ސިލޯން، ބޭންކް އޮފް މޯލްޑިވްސް، ހަބީބް ބޭންކް ލިމިޓެޑް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ދަ މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް)ގެ އިތުރުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް
ހުޅުމާލޭގައި "ދަ ގާޑަންސް" ގެ ނަމުގައި އެ ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން އަންނަނީ އެޕާޓްމެންޓުތަކެއް ހަދަމުންނެވެ. އެ ޕްރޮޖެކްޓް ނިންމުމަށްޓަކައި އެކި ފަހަރު މަތިން އެ ފަރާތަށް މުއްދަތު އިތުރުކޮށް ދީފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓް ނިންމާފައި ނުވުމުން ޖާހު އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމަށް މިހާރު ވަނީ އެންމެ ފަހުގެ ނޯޓިސްވެސް ދީފައެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން އެ ނޯޓިސްގައި ބުނީ، 45 ދުވަހުގެ ތެރޭގައި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެ ކަމަށެވެ.
މި ފިޔަވަޅު އަޅާފައި ވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލު ކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެއެވެ.