މާލެއިން އދ. އަތޮޅަށް ދަތުރުކުރުމަށް ފުރި 'މައި އެކްސްޕްރެސް 2' ކިޔާ ލޯންޗަކާއި ޓަގް ބޯޓެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
މެރިން ޕޮލިސް އިން ބުނީ، މި އެކްސިޑެންޓް ހިންގާފައި ވަނީ މިއަދު މެންދުރު ފަހު 3:30 ހާއިރު ކަމަށެވެ. އދ އަތޮޅަށް ދިއުމަށް މާލެއިން ފުރި މި ލޯންޗް އެކްސިޑެންޓް ވެފައި ވަނީ މާލެ ކައިރިންނެވެ.
ފުލުހުން ބުނީ، އެމްޕީއެލް ޖެޓީއިން މާލެ ފަޅަށް ވަންނަން އައި ޓަގް ބޯޓުގައި ލޯންޗް ޖެހިގެން ހިނގި އެކްސިޑެންޓްގައި އެ ލޯންޗް ދުއްވަން އިން ކައްޕި އަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ކައްޕި ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައި ކަމަށް ވެސް ފުލުހުން ބުނެއެެވެ. ނަމަވެސް ކައްޕިއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ.
މި އެކްސިޑެންޓްގައި އިތުރު އެއްވެސް ފަރާތަކަށް އަނިޔާ ނުލިބޭ ކަމަށާއި މި އެކްސިޑެންޓްގެ މައްސަލަަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓް ހިނގި އިރު އެ ލޯންޗުގައި ތިބީ ކިތައް މީހުން ކަން ވެސް އަދި ސާފެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ފޮޓޯތަކަށް ބަލާއިރު، ލޯންޗުގެ އަރިމަތިން ކައްޕިގެ ސީޓު އިންނަ ދިމާ ކައިރިން ބައެއް ފަޅައިގެން ގޮސްފައި ވެއެވެ. އެއީ އެ ޓަގް ބޯޓު ޖެހުނު ދިމާ ކަމަށް ލަފާ ކުރެވެއެވެ. އަދި ލޯންޗުގެ ކައްޕިގެ ސީޓް އިން ދިމާލަށް ހުރި ކުޑަދޮރުގެ ބިއްލޫރިގަނޑު ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.