ކޮރަޕްޝަނަކީ އެއްވެސް ސުވާލެއްނެތި ހުއްޓުމަކަށް ގެންނަން ބޭނުންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެޗްޑީސީން ހުޅުމާލެ ތަރައްގީގެ މާސްޓާ ޕްލޭނަށް ގެންނެވި ބަދަލާއި އެ ކުންފުނީގެ އައު ވެބްސައިޓް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ބަދަލުތައް ގެންނަވާ ކަމަށާއި އެ ބަދަލުތައް ގެންނަންވަނީ ދެފުށްފެންނަ ގޮތަށް، ކޮރަޕްޝަން ނައްތާލެވިފައިވާ މާހައުލެއް ގާއިމުކުރުމަށް ކަމަށެވެ. އަދި އޭގެ ފައިދާ މިހާރު އެޗްޑީސީން ފެންނަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުންފުނިތަކާއި ވުޒާރާތަކާއި މުއައްސަސާތަކަކީ ދެފުށް ފެންނަ ގޮތަަށް ހިންގާ ކޮރަޕްޝަނާ ދުރު ތަންތަނަށް ހެދުމަށް ބޭނުންފުޅުވާކަމަށެވެ.
ކޮރަޕްޝަން ހުއްޓުވުމަށް އެއްވެސް ސުވާލެއްނެތި މަސައްކަތްކުރައްވާނެކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ ދިރިއުޅުމަށް ކުރާ މަސައްކަތުން މުސާރަ ލިބޭކަމަށާއި އެއީ ހެޔޮގޮތުގައި ހޯދާއެއްޗަކަށްވާންޖެހޭ ކަމަށެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވޭނީވެސް ވެރިކަމުގެ ނިޒާމު ކޮރަޕްޝަނުގެ ވަބާއިން ސަލާމަތް ކުރެވިގެންކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކަމަށް ސަރުކާރުގެ ވުޒާރާތަކުން ދެމުން ގެންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އެޗްޑީސީގެ އައު ވެބްސައިޓަކީ ގުޑް ގަވަނަންސް ނުވަތަ ހެޔޮވެރިކަމެއްގެ ނިޒާމެއް ކަށަވަރު ކުރުމަށް ހުޅުވުނު ދޮރާއްޓެއް ކަމަށެވެ.