މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމުގެ ސަބަބުން ދިވެހި ހައްޖާޖީންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެ ކަމަށާއި މި ހިދުމަތާއެކު ހައްޖުގެ އަޅުކަމަށް ސައުދީއަށް ކުރާ ދަތުރުތަކަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނީޝިއޭޓިވް އިފްތިތާހުކުރުން ފާހަގަކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަކީ ސައުދީ އަރަބިއްޔާ އާއި ދިވެހިރާއްޖޭގެ އަހުވަންތަ ގުޅުން ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި މިއީ އިސްލާމް ދީނާއި އިސްލާމީ އުންމަތަށް ހިދުމަތް ކުރުމުގައި ސައުދީއަރަބިއްޔާއިން ކުރައްވާ މަސައްކަތް ފެނިގެންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ފައްޓަވައި އެ އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުއްވީތީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލްސުއުދާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ޢަބްދުލްއަޒީޒް އަލްސައުދުއަށް ޝުކުރުދަންވަމުން ރައީސް ވަނީ ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަގޮތްތައް ހަމަޖައްސައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން، މިއަހަރު ފުރަތަމަ ފަހަރަށް ހައްޖުވެރިންނަށް ހާއްސަ ކްލިނިކެއް ގާއިމުކޮށްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުން ފެށިގެން ދިވެހި ހައްޖުވެރިން ސައުދިއަރަބިއްޔާގައި ދަތުރުކުރާނީ ހައިސްޕީޑް ރޭލުގައި ކަމަށެވެ. މީގެ އިތުރުން ރައީސް ވަނީ ބީއެމްއެލްއިން ހައްޖުވެރިންނަށް ޑެބިޓް ކާޑުގެ ޑޮލަރު ލިމިޓް 1750 ޑޮލަރަށް ބޮޑުކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.