ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް، މއ. ޔުރީކާ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އައްޔަނު ކުރައްވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މި މަގާމަށް އައްޔަނު ކުރައްވާފައި ވަނީ މުސާރަ ލިބިވަޑައިނުގަންނަވާ ގޮތަށް ކަމަށެވެ.

ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަގާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ވަހީދުއާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ވަހީދަކީ ވަރަށް ގާބިލު ބޭފުޅެއް ކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ހާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށް ދެއްވުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އަދި އިގްތިސޯދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ގައުމުތަކާއެކު މަޝްވަރާ ކުރައްވައި އެރޮނގުން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކޮށް ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވިއެވެ. ހަމައެއާއެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަހީދު ވަނީ ސަރުކާރަށް ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަހާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތައުލީމީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައެވެ. އެމަނިކުފާނަކީ ޔުނިސެފުގައި ވެސް އިސް މަގާމުތަކެއްގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ.