އިޓާލިއަން ސީރިއާގެ ޗެމްޕިއަންކަން ހަތަރު ވަނަ ފަހަރަށް ނަޕޮލީ ހޯދައިފިއެވެ. ނަޕޮލީ ޗެމްޕިއަންކަން ހޯދީ ރޭ ކެގްލިއާރީއާ ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ލިބުނު ތިން ޕޮއިންޓާއެކުއެވެ.

ތާވަލުގެ ދެވަނައިގައި އޮތް އިންޓާ މިލާންވެސް ރޭ ކުޅުނު އިރު ރޭގެ މެޗުތަކުގެ ކުރިން ދެ ޓީމުގެ ދެމެދު އޮތީ އެއް ޕޮއިންޓްގެ ތަފާތެވެ. މީގެ މާނައަކީ ރޭގެ މެޗުން ނަޕޮލީ ދަށްވެ އިންޓާގެ މެޗު އެޓީމުން ކާމިޔާބުކުރި ނަމަ ލީގުގެ ޗެމްޕިއަންކަން ލިބޭނީ އިންޓާ އަށް ކަމެވެ.

އެހެން ނަމަވެސް މިކަމުގެ ސަބަބުން އައި ޕްރެޝަރު ނަޕޮލީގެ ކުޅުމަކުން ނުފެނެއެވެ. އަދި މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑުން އެޓީމާ ކުޅުނު ސްކޮޓްލޭންޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމްނީއެވެ.

ނަޕޮލީއަށް ތަށި ހޯދައިދިނުމުގައި އޭނާގެ ރޯލު ބޮޑު އިރު އޭނާ އަކީ މި ސީޒަންގެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ދެވަނަ ހާފް ފެށުނު ތަނާހެން ނަޕޮލީއިން އަނެއްކާ ލަނޑެއް ޖަހާ ނަތީޖާއާ ޗެމްޕިއަންކަން ގާތް ގަނޑަކަށް ކަށަވަރު ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ބެލްޖިއަމްގެ ފޯވަޑް ރޮމަލޫ ލުކާކޫއެވެ.

އިންޓާއިން ކޮމާއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޓާ ވެސް 2-0 އިން ކުރީގައި އޮތް ނަމަވެސް ނަޕޮލީ އެޓީމުގެ މެޗު ނިންމާލީ ހަމަ އެސްކޯލައިނުން ކުރީގައި އޮވެގެންނެވެ. އަދި އެޓީމު މިވަނީ 1 ޕޮއިންޓްގެ ތަފާތުން އިޓަލީގެ ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 38 މެޗު ކުޅެ 82 ޕޮއިންޓް ހޯދައިގެންނެވެ. އިންޓާއަށް ލިބުނީ 38 މެޗުން 81 ޕޮއިންޓެވެ.