އެވަޓަންގެ ދަނޑު ގުޑިސަން ޕާކްގައި އެޓީމުން ކުޅުނު އެންމެ ފަހު މެޗުގައި ސައުތްހެމްޓަން 2-0 އިން ބަލިކޮށްފިއެވެ.

133 އަހަރުވީ ގުޑިސަން ޕާކް މިސީޒަނަށް ފަހު ދެން މެޗުތައް އިންގްލިޝް ޕްރިމިއާ ލީގުގެ މެޗުތައް ނުކުޅޭނެ އިރު އަންނަ ސީޒަނުން ފެށިގެން އެވަޓަން އަމިއްލަ ދަނޑުގެ ގޮތުގައި ބަލާނީ މުޅިން އާދަނޑެއް ކަމަށްވާ 'ހިލް ޑިކިންސަން ސްޓޭޑިއަމް' އެވެ.

ގުޑިސަންގައި ކުޅޭ އެވަޓަންގެ ފަހު މެޗުގެ ކުރިން ވެސް އަދި މެޗުގެ ތެރެއިން ވެސް ސްޕޯޓަރުންގެ އިހްސާސްތައް ފާޅުކުރަމުން ދިޔަ އިރު މި ސީޒަންގައި ރެލިގޭޓްވި ސައުތްހެމްޓަން ކޮޅަށް ދެލަނޑު ޖެހީ ވެސް އިލްމާން އެންޑަޔޭއެވެ.

މި ގޮތުން މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 6 ވަނަ މިނެޓްގައި ފެނިގެން ދިޔަ އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން އެންޑާޔޭ ވަނީ ދެވަނަ ލަނޑެއް ޖަހާ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

އެވަޓަންގެ ލަނޑު ޖަހާ ދިން އެންޑެޔާއާއި ފޯވަޑް ބެޓޯ/ފޮޓޯ: އެކްސް

އެވަޓަންއަށް ލީގުގައި ބާކީ ދެން އެންމެ މެޗެއް އޮތް އިރު އެޓީމު މިވަގުތު އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ. މިއީ އަނެއްހެން މާ ކާމިޔާބު ސީޒަނެއް ނޫން ނަމަވެސް ވޭތުވެދިޔަ ދެތިން ސީޒަންގައި އެވަޓަން ރެލިގޭޓް ނުވެ ސަލާމަތްވެފައިވަނީ ހަމަ ކިރިޔަކިރިޔާއެވެ.

އެހެން ކަމުން މި ސީޒަންގެ ނަތީޖާއާ މެދު ކުޅުންތެރިންނާ ސަޕޯޓަރުން ވެސް ހިތްހަމަޖެހިފައިވާ އިރު އަންނަ ސީޒަންގައި ސްކޮޑް އިތުރަށް ވަރުގަދަކޮށް ތާވަލުގެ ކުރިއަށް އެރުމަށް އެވަޓަންއިން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.