މި ސީޒަންގެ އެފްއޭކަޕް ފައިނަލް މެޗުގައި 1-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ކްރިސްޓަލް ޕެލަސްއިން އެޓީމުގެ ފުރަތަމަ ތަށި ރޭ އުފުލާލި އިރު ސިޓީގެ ފޯވަޑް އާލިންގް ހާލަންޑް މިވަނީ އޭނާ ހަދަން ބޭނުން ނުވާނެ ރިކޯޑެއް ހަދާފައެވެ.
2022 ވަނަ އަހަރު ސިޓީއާ ގުޅުނު ނޯވޭގެ ޒުވާން ފޯވަޑް ހާލަންޑް އެޓީމަށް ކުޅުނު ފުރަތަމަ ސީޒަންގައި 53 މެޗުގައި 52 ގޯލު ސިޓީއަށް ޖަހާ ދިނެވެ. މި ސީޒަންގައި ވެސް ގިނަ އިންޖަރީތަކާއެކު ވެސް ހާލަންޑް މިވަނީ 30 އަށް ވުރެ ގިނަ ގޯލު ޖަހާފައެވެ. އެހެން ނަމަވެސް ފައިނަލް މެޗުތަކުގައި ހާލެންޑްގެ ފަރާތުން ފެންނަމުންދާ ކުޅުމުގެ ސަބަބުން ފުޓުބޯޅަ ޕަންޑިޓުންނާ ސަޕޯޓަރުން މިވަނީ ހާލަންޑްގެ ގޯލު ޖެހުމުގެ ހުނަރާ މެދު ސުވާލު އުފައްދާފައެވެ.
ސިޓީއާ ގުޅުނު ފަހުން ހާލަންޑް 8 ފައިނަލެއްގައި ސިޓީގެ ޖާޒީގައި ފެނިގެން ދިޔަ އިރު މީގެ ތެރެއިން އެއްވެސް މެޗެއްގައި އޭނާގެ ގޯލެއް ވެސް އަދި އެސިސްޓެއް ވެސް ފެނިފައެއް ނުވެއެވެ.
ސިޓީއަށް ލިބުނު ޕެނަލްޓީ ހާލަންޑް ނުޖެހީ ކީއްވެ؟
މި ރިކޯޑް ބަދަލުކޮށްލާނެ ފުރުސަތު ރޭ ވެސް ހާލަންޑަށް ލިބުނެވެ. މިގޮތުން ފައިނަލްގެ 36 ވަނަ މިނެޓްގައި ސިޓީއަށް ލިބުނު ޕެނަލްޓީ ޖަހާނީ ހާލަންޑް ކަމަށް ބަލަންތިބި މީހުން ވެސް އަދި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް ހީކޮށްގެން ތިބި ނަމަވެސް، ބޯޅަ ނަގާ އަތަށްލުމަށް ފަހު ބޯޅައެއް ބޮސްދީ ޕެނަލްޓީ ޖަހަން ހާލަންޑް ދިއްކޮށްލީ ޓީމް މޭޓް އޮމަރް މާމޫޝްއަށެވެ.
މާމޫޝްގެ ޕެނަލްޓީ ޕެލަސްގެ ކީޕަރު ޑީން ހެންޑާސަން ސޭވް ކުރި އިރު މެޗަށް ފަހު ހެންޑާސަން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މާމޫޝް ކުރިން ޕެނަލްޓީ ޖަހާފައި ހުރި ގޮތްތައް އޭނާއަށް އެނގޭ ކަމަށާ މާމޫޝްގެ ޕެނަލްޓީ ސޭވް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އެހެން ނަމަވެސް މާމޫޝްގެ ބަދަލުގައި ހާލަންޑް ޕެނަލްޓީ ޖެހި ނަމަވެސް ސޭވް ކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ހެންޑާސަން ބުންޏެވެ.
މެޗަށް ފަހު އޮތް ނޫސް ކޮންފަރެންސްގައި ހާލަންޑް ޕެނަލްޓީ ނުޖަހާ މާމޫޝްއަށް ދިނީ ކީއްވެތޯ ކޯޗު ގާޑިއޯލާއާ ސުވާލުކުރިއެވެ. ގާޑިއޯލާ ބުނީ އޭނާ ވެސް ހީކުރީ ޕެނަލްޓީ ޖަހާނީ ހާލަންޑް ކަމަށާ މާމޫޝް ޖަހާ ގޮތަށް ނިންމީ ކުޅުންތެރިން އެކަނި ކަމަށެވެ. ހާލެންޑް އެންމެ ފަހުން ޖެހި ހަތް ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބު ނުވުމަކީ ވެސް ރޭ ޕެނަލްޓީ ނުޖަހަން ހާލަންޑް ނިންމި ސަބަބަކަށް ވެދާނެއެވެ.
ކޮންމެއަކަސް ރޭގެ ފައިނަލުން ބަލިވި ސިޓީއަށް މިސީޒަންގައި ހަމައެކަނި ލިބޭނެ ކާމިޔާބީއަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހެއްގެ ޖާގައެއް ހޯދުމެވެ. ލީގުގައި ސިޓީ ބާކީ ދެ މެޗު ކުޅެން އޮތް އިރު އެއްވަނަ ދޫކޮށް ދެން އޮތް ހަތަރު ޖާގައަށް 6 ޓީމެއް އެބަ ވާދަކުރެއެވެ.