އިންގްލިޝް ޕްރިމިއާ ލީގުގެ ގަދަ ފަހަކުން ޖާގައެއް ހޯދައިގެން އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ޗެލްސީ އަދި އެސްޓަން ވިލާއިން ބޮޑުކޮށްފިއެވެ.
މިގޮތުން، ޗެލްސީއިން ރޭ ވަނީ 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފައެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ޖަހާ ދިނީ ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެއާއެވެ.
މި ނަތީޖާއާއެކު ޗެލްސީ މިވަނީ ލީގު ތާވަލުގެ 6 ވަނަ އަށް އަރާފައެވެ. އެއީ 37 މެޗު ކުޅެ 66 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި ޗެލްސީއަށް ދެން އެންމެ މެޗެއް ބާކީ އޮތް އިރު އެންމެ ފަހު މެޗުގައި ނޮޓިންގްހަމް ފޯރެސްޓް ބަލިކޮށްގެން ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ.
ރޭ އެސްޓަން ވިލާ ވަނީ 2-0 އިން ޓޮޓެންހަމް ބަލިކޮށް ގަދަ ފަހެއްގެ އުއްމީދު ވަރުގަދަކޮށްފައެވެ. ރޭގެ މެޗުގައި ވިލާގެ ދެލަނޑު ވެސް ފެނިގެން ދިޔައީ މެޗުގެ ދެވަނަ ހާފްގައެވެ. މި ދެލަނޑު ކާމިޔާބުކޮށް ދިނީ ކޮންސާ އަދި ކަމާރާއެވެ.
ރޭގެ މެޗުން ވިލާ މޮޅުވި ނަމަވެސް އެޓީމަށް ގަދަ ފަހެއް ކަށަވަރުވާނީ އެ ޖާގަތަކަށް ވާދަ ކުރާ އެހެން ޓީމުތަކުން އެޓީމުތަކުގެ ކުރިއަށް ހުރި މެޗުތަކުން ބަލިވެއްޖެ ނަމަ ނުވަތަ އެއްވަރުވެއްޖެނަމައެވެ.
މީ ސީޒަންގެ ގަދަ ފަހަކަށް 6 ޓީމެއް ވާދަ ކުރާ އިރު ތާވަލުގެ ދެވަނައިން ފެށިގެން 7 ވަނައާ ހަމައިގައި މިހާރު އޮތް ކޮންމެ ޓީމަކަށް ވެސް އަދި ގަދަ ފަހެއް ކަށަވަރު ކުރެވޭނެއެވެ. މި ޓީމުތަކުގެ ތެރޭގައި ހިމެނެނީ އާސަނަލް، ނިއުކާސަލް، ޗެލްސީ، އެސްޓަން ވިލާ، މެންޗެސްޓާ ސިޓީ އަދި ނޮޓިންހަމް ފޯރެސްޓެވެ.