ޝަރުއީ ދާއިރާއަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނުފޫޒު ނުފޯރުވާނެކަމަށާއި އެމަނިކުފާނު ޝަރުއީ ދާއިރާގެ ކަންކަމާއި ބެހިވަޑައިނުގަންނަވާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި މައްސަލައިގައި މި ސަރުކާރާއި ރައީސް އަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމާ ގުޅިގެން ނެރުއްވި ހަ ސަފްހާގެ ބަޔާނުގައި އަޒްމިރާލްދާ ވިދާޅުވީ، އޭނާ ވަކިކުރީ ދޮގު ތުހުމަތުތަކެއްގައި ގާނޫނާ ހިލާފަށް އޭނާގެ ހައްގުތައް ނިގުޅައިގަތުމަށް ފަހު ކަމަށެވެ. ގާނޫނީ އަދި ޝަރުއީ ދާއިރާގައި ވޭތުވެދިޔަ 24 އަހަރު މަސައްކަތްކުރެއްވީ ނުފޫޒެއް ނެތިކަން ފާހަގަކުރައްވަމުން އިޒްމިރާލްދާ މިއަދު އޭނާއަށް އިންސާފެއް ނުލިބޭ ކަމަށާއި، މިއީ މުޅި ޖުޑީޝަރީއަށް ރައްދުވި ހަމަލާއެއް ކަމަށެވެ.
ސަރުކާރާއި ރައީސް އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުން އަންނަ މި ދަނޑިވަޅު މިނިސްޓަރު ހަލީލް ވިދާޅުވީ މިއީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން ކުރި ތަހުގީގަށް ފަހު، ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރި މައްސަލައެއް ކަމަށެވެ. އަދި ސަރުކާރުގެ ވައުދާއެއް ގޮތަށް ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރަމުން ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ އިދިކޮޅު ފަރާތްތަކުން ޒިންމާދާރުކަމާއެކު ބައިނަލްއަގްވާމީ މުޖުތަމައުއަށް ހަގީގަތް ހާމަވާ ގޮތަށް ވާހަކަދައްކާ އަމަލުކުރަމުންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވަކިކޮށްފައިވަނީ އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަން ދެ ފަނޑިޔާރުންގެ މައްޗަށް ވެސް ސާބިތުވުމުންނެވެ.