އައްޑޫ ސިޓީގެ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ފޭދޫ ސްކޫލުގައެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ހުންނަ ސްކޫލެއްގައި ޓީޗަރަކު އެ ސްކޫލުގެ ދަރިވަރެއްގެ ގައިގައި ޖެހިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 12 ވަނަ ދުވަހު ހުށައަޅާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމުގައި ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ލިބިފައިނުވާއިރު، އެ ކުއްޖާގެ އާއިލާއިން ވަނީ އެ ޓީޗަރު ކުއްޖާގެ ބޮލުގައި ޖަހާފައިވަނީ ފެން ބޯން ބޭނުންކުރާ ދަގަނޑު ފުޅިއަކުންކަމުން ބުނެފައެވެ. އަދި އެކުއްޖާއަކީ މީގެ ކުރިން ސިކުނޑީގެ އޮޕަރޭޝަނެއްވެސް ކޮށްފައިވާ ކުއްޖެއް ކަމަށާއި މި މައްސަލަ ސްކޫލަށްވެސް ހުށަހަޅާފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ރާއްޖޭގެ ސްކޫލުތަކުގައި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަކުރެވެއެވެ.