ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އެމީހާގެ އަތް އުޅަނބޮއްޓާ ހިސާބުން ބުރި ވެއްޖެއެވެ.
ފުލުހުން ބުނީ، ނ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ނެރު ކައިރީ ފީނަން އުޅުނު ބައެއްގެ ތެރެއިން މީހެއްގެ ގައިގައި ލޯންޗަކުން ޖެހި އަނިޔާ ވެފައިވާ މައްސަލައެއް މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެމީހާގެ ކަނާއަތް އުޅަނބޮއްޓާ ހިސާބުން ބުރިވެ ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު އެމީހައަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުން ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެެވެ.