ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ކިއުއާރު ކޯޑު ހޯދައިގެން އިނާމު ލިބޭ "ފެންކޮއެ ހަންޓު" ފަށައިފިއެވެ.

އެޗްޑީސީއާއި އައިލެންޑް ބެވަރޭޖެސް ގުޅިގެން ކުރިއަށްގެންދާ "ފެންކޮއެ" ހަންޓަކީ، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައިވާ ކިއުއާރު ކޯޑުތަކެއް ހޯދައިގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭގޮތަށް ކުރިއަށްގެންދާ ޑިޖިޓަލް ހަންޓެކެވެ.

ފެންކޮއެ ހަންޓު ކުރިއަށްދާ ގޮތް:

  • ހުޅުމާލޭގެ އެކިއެކި ޕަބްލިކް ސަރަހައްދުތަކުގައި 35 ކިއުއާރު ކޯޑު ފޮރުވާފައި ހުންނާނެ
  • މި ހަންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓާ ކުރުމަށްފަހު، ފޮރުވިފައިވާ ކިއުއާރު ކޯޑުތައް ހޯދުމަށްފަހު ކަލެކްޓަބަލްސް ހޯދުމަށް ސްކޭން ކުރަންވާނެ
  • ހަންޓުގައި ބައިވެރިވުމަށް ފޯނު ނަންބަރު ބޭނުންކޮށްގެން ރަޖިސްޓާ ކުރާނެ
  • ކޮންމެ ކަލެކްޓަބަލް އަކީ 20 ޕޮއިންޓް، ނުވަތަ 50 ޕޮއިންޓު ނުވަތަ 100 ޕޮއިންޓު
  • ކިއުއާރު ކޯޑު ސްކޭން ކޮށްގެން ޕޮއިންޓު ކަލެކްޓު ކުރަމުންދާ ވަރަކަށް، އެންމެ ކުރީގައި އުޅޭ ކުޅުންތެރިންގެ ލައިވް ލީޑާ ބޯޑް ފެންނާނެ
  • ކިއުއާރު ކޯޑުތައް ފޮރުވިފައި ހުރި ސަރަހައްދުތަކުގެ ހިންޓު ލިބޭނެ

އެޗްޑީސީއިން ބުނީ މި ހަންޓުގައި ބައިވެރިވެގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ފަރާތްތަކަށް ފައިސާގެ އިނާމުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން، އެއްވަނައަށްދާ ފަރާތަކަށް 7،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ދެވަނައަށްދާ ފަރާތަކަށް 4،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު ތިންވަނައަށްދާ ފަރާތަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލޭގެ އަރަހީ ދުވަހާ ގުޅިގެން މި މަހުގެ 11 ވަނަ ދުވަހު ފެށި މި ހަރަކާތް ކުރިއަށް ދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެޗްޑީސީއިން މައުލޫމާތު ދެއެވެ. އަދި މި ހަރަކާތުން ވަނަ ލިބޭ ފަރާތްތައް އިއުލާން ކުރުން އޮންނާނީ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމަށް، އެޗްޑީސީއިން މި މަހުގެ 17 ވަނަ ދުވަހު ބާއްވާ "ބީޗް ފެސްޓް"ގައި ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތައް ފެށީ، މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުންނެވެ. އެޗްޑީސީއިން ބުނީ ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތަކުގެ ތެރެއިން ސްޓޯރީ ފޮޓޯ ވޯލކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.