ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފާހަގަކުރުމަށް، އެޗްޑީސީ އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މަސްރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީ އިން ބުނީމ މި މަސް ރޭހުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް އޮންލައިންކޮށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި ކަމަށެވެ. މި ރޭހުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރުމަށް ހުޅުވާލާފައިވާ އިރު ރަޖިސްޓްރީ ވުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 7 ވަނަ ދުވަހަށް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ މި މަސްރޭސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 15 ވަނަ ދުވަހުއެވެ. ހުޅުމާލޭގެ ފެރީ ޓާމިނަލް ޕާކު ކައިރިން ފަށާ މި ރޭސް ކުރިއަށް ދާނީ އެ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

އެގޮތުން މި މަސް ރޭހުގައި ބައިވެރިވެގެން އެންމެ ގިނަ މަސް ބޭނޭ ޓީމަކަށް 21،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން އެންމެ ބޮޑު މަސް ބޭނޭ ފަރާތަކަށް 5،000 ރުފިޔާ އަދި އެންމެ މޮޅު ކެޔޮޅަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށް ވެސް އެޗްޑީސީން ވަނީ ނިންމާފައެވެ. އެގޮތުން ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދާ މި ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.