ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެއެވެ.

އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށާފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން، އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.

މި މައްސަލައިގެ އަޑުއެހުންތައް ފަށާފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ. އެ މައްސަލަ އާ ގުޅިގެން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް މައްސަލަ ތަހުގީގުކުރި ކޮމިޓީން ވަނީ ނިންމާފަ އެވެ. އެ ބައްދަލުވުމުގައި ކޮމިޝަނުން ނިންމީ ތަހުގީގު ރިޕޯޓުގައިވާ ގޮތަށް އަޒްމިރާލްދާއާއި މަހާޒު ވަކިކުރުމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެހެންކަމުން އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީގެ މައްސަލަ ބެލި ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެ މައްސަލަ ވެސް ވަކިން ބަލަމުން ދެއެވެ.

މުއްދަތެއް ނެތް ގޮތަށް ފަނޑިޔާރުން ސަސްޕެންޝަނުގައި ތިއްބަވާތާ 2 މަސް ދުވަސް ވެއްޖެއެވެ.