ހައްގުތައް ހޯދަން ނިކުމެ އެހެން މީހުންގެ ހައްގުތައް ނަގާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފާލާހް މިފަދައިން ވިދާޅުވެފައި ވަނީ މާލޭ ގެއަކުން ވެއްޓުނު 21 އަހަރުގެ އަންހެނަކަށް އިންސާފު ހޯދައިދިނުމަށް ކަމަށް ބުނެ ޒުވާނުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފަލާހް ވިދާޅުވީ ހައްގުތައް ހޯދަން ނިކުމެ އެހެން މީހުންގެ ހައްގުތައް ނަގާލައި، މީހުންގެ ނަމުގައި ބޮޑެތި ދޮގު ވާހަކަތައް ފެތުރުމަކީ އެއްވެސް ހަމަ އަކުން ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ. އަދި ރޭގެ މުޒާހަރާގައި އާންމު އިޖްތިމާއީ މިންގަނޑުތަކާއި އަދި ފުލުހުންގެ ގާނޫނީ މަސައްކަތަށް ހުރަސް އެޅި 2 މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިއުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔާސްމީން މުހައްމަދު މުއިއްޒުގެ އިންސްޓާގްރާމް އެކައުންޓުން އެކަމާ އުފާފާޅު ކުރިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ކަމާ ގުޅުން ނެތް އެހެން މީހުންގެ ހައްގުތައް ނަގާލަން ޑިމޮކްރަސީގެ ނަމުގައި އަބަދުވެސް ގައުމުގެ އަދުއްވުން ހިންގާ ޖަރީމާގެ ވައްތަރެއް ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. ފަލާހް ވިދާޅުވީ ޒުވާން އަންހެންކުއްޖަކު އިމާރާތަކުން ވެއްޓުނު ހާދިސާއާ ގުޅިގެން އެ މަައްސަލަ ބެލުމުގައި ފުލުހުންގެ އިހްމާލު އޮތް ކަމަށް ބުނެ، ޒުވާނުން ކުރަންފެށި މުޒާހަރާއާއެކު އެކަށީގެންވާ ހަރުދަނާ ގޮތެއްގައި އެ މައްސަލަ ބަލައި އިންސާފުވެރި ތަހުގީގެއް ކުރެވޭނޭ ހުރިހާ މަގެއް ސަރުކާރުން ކޮށައިދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ޒިންމާދާރުކަމެއް ނެތް އިދިކޮޅު ސިޔާސީ ފަރާތްތައް އަޑީގައި ތިބެ ހިންގާ ޕޮރޮޕަގެންޑާތަކުގެ އަވާގައި ޖެހި ފާއިތުވި ރޭތަކުގައި މުޒާހަރާ ކުރަމުން ދިޔަ ޒުވާނުން އާންމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފު އެތަކެއް އަމަލުތަކެއް މުޒާހަރާތަކުގެ ތެރެއިން ކޮށްފައިވާ ކަމަށް ފާލަހް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީމަގުގެ މެދުގައި އާންމު ރައްޔިތުންގެ ދަތުރުފަތުރަށް ހުރަސްއަޅައި އާންމު ވިޔަފާރުތަކަށް ގެއްލުންދީ، އާންމު ދިރިއުޅުމާއި ކިޔަވާ ކުދީންގެ ހައްގުތަކަށް ކޮންމެ ރެއަކު އަރައިގަންނަމުންދިޔަކަން ފާހަގަކުރައްވާ ފަލާހް ވިދާޅުވީ ހައްގުތައް ހޯދަން ނިކުންނަނަމަ އެހެން މީހުންގެ ހައްގުތަކެއް ވާނޭކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ތިމާގެ ހައްގުތައް ނިމޭ ހިސާބުން އަނެކާގެ ހައްގުތައް ފެށޭނޭކަން ގަބޫލުކުރުމަށް ފަލާހް އިލްތިމާސްކުރެއްވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ފުލުހުންނާއި ސަލާމަތާބެހޭ ބާރުތަކުން ގާނޫނީވެރިކަން ދިފާއުކޮށް ގައުމުގެ ދާހިލީ ހަމަޖެހުން އަބަދުވެސް ގާއިމު ކުރާނެ ކަމަށެވެ.