ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމުގައި ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރިގޮތާއި އެ ހާދިސާގައި ރިޔާސީ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ އެ މައްސަލައިގައި ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފެޝަނަލް ސެޓެންޑަޑް ކޮމާންޑްސްގެ ފަތާރުން ތަހުގީގު ކުރިއަށްގެންދާ ކަމަށެވެ. މި މައްސަލައިގައި ފުލުހުން އިހުމާލުވި ކަމަށް ބުނެވޭ މައްސަލަތަކުގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ކޮމިއުނިކޭޝަން ސެންޓަރުގެ ޕްރޮސީޖާތައް ރިވިއުކޮށް، އެސްއޯޕީތަަކަށް މުވައްޒަފުން އަހުލުވެރިކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއޫދު އަހުމަދުގެ ބަޔާން ނަގާފައިވާކަމަށެވެ. އަދި އެރޭ، ޔުމްނު އާއި އެކު އިމާރާތުގައި އުޅުނު ރައުދު އަހުމަދާ ބައްދަލުވި އިތުރު ފަރާތްތަކުގެ ބަޔާން ނެގުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޔުމްނު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި މިނިވަން ތަހްގީގެއް ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން މިނިވަން މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއް ކުރުމަށާއި ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތައް ބެލުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އުފެއްދި މި ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން އެހެން ފަރާތަކުން ޔުމްނު ވައްޓާލީކަމަކަށް ނުބެލެވޭކަމަށެވެ. އަދި ބޮޑަށް ބުރަވެވެނީ ސިޑިގޮޅީގެ ކުޑަދޮރުން ޔުމްނު އަމިއްލައަށް ވެއްޓުނީ ކަމަށް ބަޔާންކޮށްފައިވެއެވެ.