މާލޭގެ ކެފޭއެއްގެ ބިއްލޫރި ރެކެއް ފައި ޖަހައި ތަޅާލި މައްސަލައިގައި ހައްޔަރު ކުރީ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން އުމުރުން 49 އަހަރުގެ، މ. ސްޓާ، މުހައްމަދު ރަޒީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ވަނީ އެ ދުވަހު ކެފޭގައި ކަސްޓަމަރުން ހިދުމަތް ހޯދަމުން ދިޔަ ގަޑިއެއްގައި އެތަނަށް ވަދެ ކައުންޓަރުގައި ހިދުމަތް ދޭން ހުރި ބިދޭސީ މީހާއާ އަޑު ވީއްލާ ވާހަކަ ދައްކާފައެވެ. އަދި އެތަނުން ދަމުން އޭނާ ވަނީ ކައުންޓަރުގައި ކާތަކެތި ޑިސްޕްލޭކުރަން ބަހައްޓާފައި ހުރި ބިއްލޫރި ރެކްގައި ފައިން ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ރަޒީންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.