ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރުތަކަށް ވަންނަ ދޮރުތަކަށް ގެއްލުންދިނުމުން، ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީގޮތުން ނިއްވާލައިފިއެވެ.

މިކަމާ ގުޅުންހުރި ފޮޓޯތައް އާންމުކޮށް، އެޗްޑީސީގެ 'މައި ހުޅުމާލެ' އެކައުންޓުން 'އެކްސް'ގައި މިއަދު ހެނދުނު ކުރި ޕޯސްޓެއްގައިވާ ގޮތުން، ވިނަރެސް ޓަވަރުތަކަށް ވަންނަ ދޮރުތަކަށް ބަޔަކު ވަނީ ގަސްދުގައި ގެއްލުންދީފައެވެ. އެހެންވެ، މިއަދު މެންދުރުފަހުން ފެށިގެން އެކްސެސް ކޮންޓްރޯލް ސިސްޓަމް ވަގުތީގޮތުން ނިއްވާލަން ނިންމީ ކަމަށް އެ ޕޯސްޓުގައިވެއެވެ.

އެކަމަކު އެކްސެސް ކޮންޓްރޯލް ސިސްޓަމް އަލުން ބޭނުންކުރަން ފަށާނެ ވަގުތެއް އެ ޕޯސްޓުގައި ހާމައެއްނުކުރެއެވެ.

އެޗްޑީސީން ވަނީ، ވިނަރެސް ޓަވަރުތަކުގައި ދިރިއުޅޭ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ އަމަލުތައް ނުކުރުމަށް އެދިފައެވެ.

މި ޕޯސްޓުގެ ދަށުގައި ހިޔާލުފާޅުކުރި ބައެއް މީހުން ވަނީ، އެކްސެސް ކޮންޓްރޯލް ސިސްޓަމް ނިއްވާލުމުގެ ބަދަލުގައި ދޮރުތަކަށް ގެއްލުންދިން މީހުން ހޯދައި، އެ މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އެކަން ކުރި މީހުން އަތުން ފްލެޓްތައް އަތުލުމަށް ވެސް ބައެއް މީހުން ގޮވާލާފައިވެއެވެ.

ވިނަރެސް ޓަވަރުތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް، ޓެގް ޖަހައިގެން ވަދެވޭ ގޮތް ހެދީ މީގެ ތިން ދުވަސް ކުރިންނެވެ. މި ފިޔަވަޅުގެ ދަށުން ކޮންމެ ފްލެޓަކަށް ފަސް ޓެގު ދޫކޮށްފައިވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހްގީގުކުރަމުންނެވެ.