ހުޅުމާލޭގައި ހުންނަ "ޖޫސް ޓައިމް" ކިޔާ ޓޭކްއަވޭ ތަނަކަށް ދެ މީހަކު ވަދެ ގެއްލުން ދިން މައްސަލައިގައި، ތުހުމަތު ކުރެވޭ މީހުން ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޖޫސް ޓައިމް ޓޭކްއަވޭ ތަނަށް ދެމީހަކު ވަދެ ގެންލުން ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރުއޮއްސޭ ހާއިރެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހުން ތިބީ ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން އަދި މޫނު ނިވާކޮށް ހެލްމެޓު ވެސް އަޅައިގެންނެވެ. އެ މީހުންގެ އަތުގައި މަރުތެލެއް އޮތް އިރު އެ މީހުން އަންނަތަން ފެނި އެތަނުގެ ކައުންޓަރުގައި ހުރި މީހާ ވަނީ ބިރުން ދުވެ ފިލައިފައެވެ.

އެ މީހުން ފުރަތަމަ އެތަނަށް ވަދެފައި ވަނީ ކައުންޓަރު މަތީގައި ހުރި އެއްޗެހިތައް އުކާލުމަށް ފަހު ކައުންޓަރު މަތީގައި މަރުތޭލުން ތަޅާ ކައުންޓަރާ ދިމާލުގައި ހުރި ކުޑަ ދޮރުންނެވެ. އެތަނަށް ވަނުމަށް ފަހު އެތަނުގެ ތެރޭގައި ހުރި ތަކެތީގައި މަރުތޭލުން ތަޅާ ގެއްލުންދޭ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެއެވެ. އެއަށްފަހު އެތަނުން އެކަކު އެތަނުގެ ވަތްގަނޑުގެ ތެރޭގައި ހުރި ފައިސާ ނަގައިގެންދާ އިރު ދެން ހުރި މީހާ ނިކުމެގެން ދިޔައީ އެތަނުގެ މައި ދޮރުގެ ބިއްލޫރި ދޮރު ތަޅާލުމަށް ފަހުއެވެ. އެތަން ސުންނާފަތިކޮށްފައި ނިކުމެ އެ ދެމީހުން އައި ސައިކަލަށް އަރައިގެން ދާ ތަން ވެސް އެ ވީޑިއޯއިން ފެނެއެވެ.

ފުލުހުން ބުނީ، އެތަނަށް ގެއްލުން ދިން މީހުން ކަމަސް ތުހުމަތު ކުރެވޭ މީހުން ދުއްވި ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ އިރު، އެ މައްސަލަ ތަހުގީގު ކޮށް އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.