ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ އެޕާޓްމަންޓަކަށް ބަޔަކު ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނުގެ ވަގުތެއްގައި ވަން އެވެނިއުއަށް ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެ އެޕާޓްމަންޓަށް ވަނީ ކިތައް މީހުން ކަމެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް ފޭސްބުކްގައި އާންމުންގެ މީހަކު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ވަން އެވެނިއު އެޕާޓްމަންޓަކަށް ވަދެ މަރުގެ އިންޒާރުދީ ފޭރުނު ދެމީހުންނަކީ ދިވެހި އަންހެނަކާއި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ވަނީ އެ ދެމީހުންގެ ފޮޓޯ ވެސް އާންމުކޮށްފައެވެ.

އެ ދެމީހުން ވަނީ ފަސް އަހަރު ނުވާ ކުޑަކުޑަ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ނިދާފަ އޮއްވާ ނަގައި އެކުދިން ގެންގުޅޭ ކުޅޭ އެއްޗެހިތައް އުކާލައި އެ ކުދިން ކުރިމަތީގައި މައިން ބަފައިންނަށާއި އެއްބަނޑު މީހުންނަށް މަރުގެ އިންޒާރުދީފައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. މި ހާދިސާއަށް ފަހު އެ ކުދިން ތިބީ ނަފްސާނީ ގޮތުން އަސަރުކޮށްފައި ކަމަށް ވެސް އެ ފަރާތުން ބުނެފައި ވެއެވެ.