ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް އެކަމަށް ހާއްސަ ރިޔާސީ ކޮމިޝަނެއް އުފައްދާ ދިނުމަށް އޭނާގެ އާއިލާއިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަރިހުގައި އެދެފިއެވެ.
ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ޝަޒިއްޔާ މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޒަކިއްޔާގެ މަރުގެ މައްސަލާގައި ފުލުހުންގެ ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކޮށްފައެވެ.
އެގޮތުން ފުލުހުން މަސައްކަތްކުރަނީ ޒަކިއްޔާ އަމިއްލައަށް މަރުވި ކަމަށް ދެއްކުމަށް ކަމަށާއި ހަގީގަތް ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށް ޝަޒިއްޔާ ވަނީ ތުހުމަތުކޮށްފައެވެ. އަދި ހަގީގަތް ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާކަން ފާހަގަކޮށް ބަޔާނުގައި ވަނީ ކަންކަން ފޮރުވަން މަސައްކަތްކުރާ މަންޒަރު ފެންނަމުންދާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ވެސް ޒަކިއްޔާ މޫސާގެ އަމިއްލަ ދުލުން އޭނާގެ ފިރިމީހާ މުހައްމަދު ރަޝީދު އުމަރު އޭނާއަށް ގެވެށި އަނިޔާ ކޮށްފައިވާ ކަމަށް ހެކިވެރިއެއްގެ ގާތުގައި ބުނެފައިވާކަމަށް ފުލުހުންގެ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް ވެއެވެ. އަދި ވާޗުއަލް އޮޓޮޕްސީއެއް ހެދިކަމަށް ބުނެ އާއިލާއަށާއި ރައްޔިތުންނަށް އޮޅުވާލާފައިވާކަން، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް އާއިލާއިން ހޯމް މިނިސްޓްރީއަށް ފޮނުވި ސިޓީއަށް ޖަވާބުދީފައިނުވާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
ހަމަ އެހެންމެ ހޯމް މިނިސްޓަރާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ނ. އަތޮޅަށް ދިޔަ ދަތުރުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް އެއްބަސްވެފައިވެފައިވާކަމަށް ބުނި ނަމަވެސް މިހާތަނަށް އިހުމާލުވި އެއްވެސް ފުލުހަކާމެދު ފިޔަވަޅު އަޅާފައިނުވާކަމަށް އާއިލާގެ ފަރާތުން ބުނެފައި ވެއެވެ. އަދި ރާއްޖެއިން ބާރުގެ އެއްވެސް ޑޮކްޓަރެއްގެ ނުވަތަ ކަމާބެހޭ މާހިރެއްގެ ލަފާ ހޯދާފައިވާނަމަ ލަފާ އެ ފަރާތްތަކުގެ ނަންތަކާއި ލަފާ ދިން ތާރީހުތަކާއި އެ ފަރާތްތަކުގެ ވަނަވަރު އާންމު ކުރުމަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.
އެހެންކަމުން އާއިލާއިން ރައީސްއަށް އިލްތިމާސްކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގުން ފުލުހުން އެކަހެރިކޮށް، ފުލުހުންގެ ތަހުގީގާ ގުޅޭ ހާއްސަ އިންކުއަރީއެއް ހެދުމަށާއި، މިކަމަށް ހާއްސަ ކޮމިޝަނެއް އުފެއްދުމަށެވެ.
މި މައްސަލައިގައި އިންސާފު ހޯދުމަށް ޢާއިލާއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. ޒަކިއްޔާގެ އާއިލާއިން އޭނާ މަރާލި ކަމަށް ތުހުމަތުކޮށް ސިލްސިލާ މުޒާހަރާތައް މިހާރުވެސް ކުރަމުންދެއެވެ.