ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށްވަދެ އަދި އެ ސަރަޙައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާތީ 448,375 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން ބުނީ ޑިސެމްބަރު 18، 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށްވަދެ ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު އެ އެޖެންސީއަށް ލިބުމާއި ގުޅިގެން އެ މައްސަލަ ބަލާފައިވާކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އެ އެޖެންސީއަށް އެއްކުރެވުނު މައުލޫމާތުންނާއި، މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ފަރާތުންނާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެ އެޖެންސީއަށް ހިއްސާކޮށްފައިވާ ހާދިސާގެ ރިޕޯޓަށް ބަލާފައިވާ ކަމަށެވެ. މި ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި:
- ބ. ނެލިވަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމާއި، އަދި އެ ސަރަހައްދަށް ވަދެ އުޅުމުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފިނަމަ ޤާނޫނު ނަންބަރު 4/93 ގެ ދަށުން ފިޔަވަޅު އެޅިގެން ދާނެކަން ބަޔާންކޮށް އީޕީއޭއީން އެކަމާއި ގުޅޭ އިއުލާން ގެ ކޮޕީއެއް އެއްކަރުދާސް ކުރެވި ސޮނެވާފުއްޓަށް ޖޫން 11، 2024 ގައި ސިޓީ އެއް ފޮނުވާފައިވެއެވެ.
- ޑިސެމްބަރު 18، 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ފަރާތެއް ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވެއެވެ. ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ވަދެފައިވަނީ ގަވާއިދާ ހިލާފަށް މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަން ފާހަގަކުރެވިފައިވެއެވެ.
- ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަޙައްދަށް ގަވާއިދާ ހިލާފަށް ވަދެ އެ ސަރަހައްދުގައި ކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، އަލިވާގޮތަށް ރޭގަނޑު އެ ސަރަހައްދު ދިއްލުމާއި، އެ ތަނުގެ ދިރުންތަކާއި އާދަކާދައަށް ބުރޫއަރާގޮތަށް އަޑުގަދަވާފަދައިން އަމަލުކޮށްފައިވުމާއި އަދި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަން ފާހަގަކުރެވިފައިވެއެވެ.
- މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ މަންދޫބުންނާއި، ފުލުހުން ޑިސެމްބަރު 18، 2024 ވަނަ ދުވަހު ބ. ނެލިވަރަށް ގޮސް، ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، އެ ސަރަހައްދު ދޫކޮށްދިޔުމަށް އެންގި އެންގުމާއި ހިލާފުވެ، އަދި އެފަރާތްތަކަށް އެއްބާރުލުން ދީފައި ނުވެއެވެ.
- ސޮނެވާފުށީގެ މުވައްޒަފުން ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ކަންތައްތައްކޮށް ނިންމުމަށްފަހުކަމާއި، އެ ސަރަހައްދު ސާފުކޮށް ނިމިފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މީގެ އިތުރުން އީޕީއޭއިން ބުނީ އެ ފަރާތުން އެ އެޖެންސީއަށް ފޮނުވާފައިވާ ސިޓީ ގައި ޑިސެމްބަރު 18، 2024 ވަނަ ދުވަހު ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، އެކު ޖުމްލަ 10 ފަރާތެއް ބ. ނެލިވަރު ސަރަހައްދަށް އިރުއޮއްސި 18:00 ގެ ފަހުން ވަދެފައިވާކަމާއި، އެ ސަރަހައްދަށް ވަދެފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީ ބަޔޯސްފިއާ ރިޒާވް އޮފީސްގެ ހުއްދަ ހޯދުމެއް ނެތިކަމާއި، އެ ސަރަހައްދަށް އަލިވާގޮތަށް ރޭގަނޑު ދިއްލިކަމާއި، އެ ސަރަހައްދުގައި އަލިފާން ރޯކުރުމާއި ގެންގުޅެފައިވާކަމަށް އިއުތިރާފްވެފައިވެއެވެ.
ސޮނެވާފުށީގެ މުވައްޒަފުންތަކެއް ފަތުރުވެރިންނާއެކު، ބ. ނެލިވަރު ސަރަހައްދަށް ގަވާއިދާ ހިލާފަށްވަދެ، އަދި އެ ސަރަހައްދުގައި ގަވާއިދާ ހިލާފު އަމަލުތަކެއް ކުރިޔަށް ގެންގޮސްފައިވުމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދު އަދި އީޕީއޭގެ އިއުލާނާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ އަމަލުތަކެއް ކަމުގައި އެ އެޖެންސީއިން ވަނީ ބުނެފައެވެ. އެހެންކަމުން މި ގާނޫނާއި ގަވާއިދާއި އަދި އިއުލާއިނާއި ހިލާފުވެފައިވާތީ ސޮނޮވާފުށި 448,375 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ. އަދި އޭޕްރީލް 23، 2025 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާއަށްވާ ފައިސާ ބަނޑޭރި ޕޭ މެދުވެރިކޮށް އެ އެޖެންސީއަށް ދައްކައި ހަލާސްކުރުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން އީޕީއޭއިން ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެފަދަ ސަރަހައްދުތަކުގައި ހަރަކާތްތައް ހިންގުމުގައި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާ ގުޅޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި އަދި އިއުލާންތަކުގައި ބަޔާންކުރާ ކަންތައްތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ފަރާތްތަކުންވެސް އަމަލު ބެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.