ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބުރަކޮށް މަސައްކަތްކުރެއްވީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި ރޭ ބޭއްވި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވި ގޮތުގައި، 2018 ވަނަ އަހަރު ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމި، އެމްޑީޕީއާ ވެރިކަން ހަވާލުކުރިއިރު ދައުލަތުގެ މާލިއްޔަތުގައި އެއް ބިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް އެއީ ހަމައެކަނި ޔާމީންގެ މަސައްކަތްޕުޅުން ހާސިލުވި ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި، ހާއްސަކޮށް ރައީސް މުއިއްޒު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް މި ޖަލްސާގައި ޝުޖާއު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ތާރީފުކުރައްވާފައެވެ.

އެ ދުވަސްވަރު ރާއްޖޭގެ ތަރައްގީގެ ހުރިހާ ބޮޑެތި މަޝްރޫއުތަކެއް ހަވާލުކޮށްފައި އޮތީ ހައުސިން މިނިސްޓްރީއާ ކަމަށާއި، މުޅި ދައުލަތުގެ ނިޒާމު އޮޕަރޭޓުވަމުންދިޔައީ އެ މިނިސްޓްރީގެ ތެރެއިން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭރު ހައުސިން މިނިސްޓްރީއަކީ 24 ގަޑިއިރު މަސައްކަތްކުރަމުންދިޔަ ތަނެކެވެ. އަދި އެކަން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒާއެކު މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، ރައީސް މުއިއްޒަކީ އޭރުވެސް ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ވަގުތެއް ނެތި އުޅުއްވި ބޭފުޅެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޔާމީންގެ އަމަލުފުޅުތައް ހުރި ގޮތަށް ފާޑުވިދާޅުވަމުން ޝުޖާއު ތުހުމަތުކުރެއްވި ގޮތުގައި، ރޭގަނޑުގެ ވަގުތުތަކުގައި ޔާމީން ފޯނު ނުނަންގަވާ ކަމަށާއި، ގިނަ ރޭރޭ އުޅުއްވީ ތާސްކުޅުއްވުމުގައި ބިޒީކޮށެވެ. ކޮންމެ ކަމެއް ދިމާވިޔަސް ޔާމީން އަންގަވަނީ މުއިއްޒު އަރިހަށް ދިއުމަށް ކަމަށާއި، ރޭގަނޑު ގުޅުއްވިޔަސް ގުޅުއްވަން ޖެހެނީ މުއިއްޒަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ވެރިކަމުގެ ކާމިޔާބީގެ ހުރިހާ ޝުކުރެއް ޔާމީނަށް އެކަނި ހައްގުނުވާ ކަމަށާއި، އެ ވެރިކަން ފުރިހަމަވީ އޭރުގެ ސީނިއާ ޓީމުން ކުރި މަސައްކަތުން ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މާލޭގެ މޭޔަރުކަމުގެ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވީ ވެސް ޔާމީންގެ ސަރުކާރުގައި އެ މަނިކުފާނު ކުރެއްވި ބުރަ މަސައްކަތް މާލޭގެ ރައްޔިތުން ބަލައިގަތުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން 11 އަހަރު ވަންދެން އެމްޑީޕީގެ ފުރިހަމަ ކޮންޓްރޯލް އޮތް ސިޓީ ކައުންސިލެއްގެ މެޖޯރިޓީ ރައީސް މުއިއްޒަށް ފަސޭހަކަމާއެކު ލިބިވަޑައިގަތީ، ޔާމީންގެ ވެރިކަމުގައި އެންމެ ބުރަ މަސައްކަތްތައް ކުރެއްވީ މުއިއްޒުކަން ރައްޔިތުންނަށް އެނގޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވި ގޮތުގައި، ޕީއެންސީން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ މާލީ ހިސާބުތައް އާންމުނުކުރާތާ ހައެއްކަ މަސް ދުވަސް ވަނީ ވެފައެވެ. އަދި އެމްޑީޕީ ސަރުކާރުން ގައުމުގެ އިގްތިސާދު އޮތީ ވަރަށް ބޮޑަށް ހަލާކުކޮށްލާފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ވެރިކަމުގެ ކުރީކޮޅު އެމްޑީޕީން މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރައީސް މުއިއްޒު މަގާމުން ދުރުކުރުމަށް މަސައްކަތްކުރީ އެ މައްސަލަތައް ފޮރުވުމުގެ ބޭނުމުގައި ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން އުފައްދާފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް މިހާރުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެކަމުގައި ޕީއެންސީގެ މެންބަރުން ސަރުކާރަށް އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.