މ. މުލި އެއާޕޯޓުގެ މަސައްކަތް ނިމުމާއެކު މިއަދު އެ އެއާޕޯޓުގައި ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނީ މުލި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި އެއާއެކު މިއަދު ޓެސްޓު ފްލައިޓު ޖައްސާފައިވާކަމަށެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ މުލީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ފެށޭ މެއި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އަދި އެއާޕޯޓް ހުޅުއްވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށްވެސް މުބީން ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ. މި މަޝްރޫއަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެއެވެ.