މ. މުލީގައި ހުންނަ މ. އަތޮޅު ތައިލީމީ މަރުކަޒަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެ ސްކޫލުގެ އާ އިމާރާތެއް ބިނާކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުއްލަތީފް މުހައްމަދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޖަމްޝީދުއެވެ.
މި މަޝްރޫއުގެ ދަށުން މ. އަތޮޅު ތައުލީމީ މަރުކަޒުގައި ތިން ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިމާރާތުގައި 10 ކްލާސްރޫމާއި، ލައިބްރަރީއަކާއި، އޭވީ ރޫމެއްގެ އިތުރުން ހެލްތް ރޫމެއް ހިމެނެއެވެ. ޖުމްލަ 18.80 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މުއްޔަކީ މ. އަތޮޅުގެ ވެރިކަން ކުރާ ރަށަށް ވެފައި، އަތޮޅުގެ އެހެން ރަށްރަށުން ވެސް ގިނަ އަދަދެއްގެ ކުދިން އެ ރަށަށް ތައުލީމު ހާސިލްކުރަމުން ދެއެވެ. މިހާރުވެސް އެ ސްކޫލުގައި 240 ދަރިވަރުން ކިޔަވަމުންދާ އިރު، އާ އިމާރާތުގެ ސަބަބުން ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ދަރިވަރުންނާއި މުދައްރިސުންނަށް ކިޔަވައި ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަަމށް އެމްޓީސީސީން ބުނެއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއަކީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އުމްރާނީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީއަށް ދެއްވާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ އަތޮޅުތެރޭގެ ތައުލީމީ ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
